ގދ.މަގުއްދުވާ، އަޔާޑާ މޯލްޑިވްސްގެ ނަމުގައި މި ރިސޯޓް ތުރުކީ ކުންފުންޏަކުން ހިންގަމުން އަންނައިރު، އެރަށުގެ ހެޑްލީސް އޮތީ އެމްޓީޑީސީގައި.-
އަޔާޑާ ރިސޯޓް ހިންގާ ގދ.މަގުއްދުވާ އެމްޓީޑީސީން ނުއަގުގައި ވިއްކާލަނީ
ޖުނާން އަޙުމަދު 28 ޖުލައި 2026 (އަންގާރަ)   12:44
ޓޫރިޒަމް ތަރައްގީކުރާ ޕަބްލިކް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގަމުން އަންނަ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލަން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މަގުއްދުވާއަކީ 2006 އިން ފެށިގެން 25 އަހަރުގެ މުއްދަތަކަށް އެމްޑީޓީސީއަށް ކުއްޔަށްދޫކޮށްފައިވާ ރަށެކެވެ. އެ ކުންފުނިން މި ރަށް އައިޑެނިޒް ކުންފުންޏަށް ސަބްލީސް ކުރީ ޖެހިގެން އައި އަހަރު އެވެ. އައިޑެނިސް ކުންފުނިން މި ރަށް ފަސް ތަރީގެ ފެންވަރަށް ތަރައްގީކޮށް "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި އޮޕަރޭޓުކުރަން ފެށީ 2011 ގައި އެވެ.

އެމްޑީޓީސީ އާއި އައިޑެނިޒް ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ ސަބްލީސް އެއްބަސްވުމުގެ ދަށުން ރިސޯޓުގެ ސަބްލީސް ކުއްޔަކީ ސޮއިކުރާއިރު 303،506 ޑޮލަރުން ފެށިގެން ބޮޑުވަމުން ބޮޑުވަމުން ގޮސް ކޮންމެ ކުއާޓަރެއްގައި 1،221،036 (1.2 މިލިއަން) ޑޮލަރު ދައްކަން ޖެހޭ ގޮތަށެވެ. މި ސަބްލީސް އެއްބަސްވުމުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ ހެޑްލީސް އެއްބަސްވުން ހަމަވާ 2031 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޑެނިޒް ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެއްބަސްވުމުގެ މުއްދަތު ހަމަ ނުވަނީސް އެ ކުންފުނީގެ ނަން މައްޗަށް ހެޑްލީޒް ބަދަލުކުރާށެވެ. ނަމަވެސް އެމްޓީޑީސީގެ މެނޭޖުމަންޓުން ވަނީ އެކަމާ ދެކޮޅު ހަދާ، ރަށުގެ ހެޑްލީސް ވިއްކާނުލާނެ ކަމަށް ބުނެފައެވެ.

ހެޑްލީސް ވިއްކާލަން އެމްޓީޑީސީން ދެކޮޅު ހަދަނީ އެ ކުންފުނިން ބޮޑެތި ކެޕިޓަލް އިންވެސްޓުމަންޓުތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި އެ ކުންފުންޏަށް އާމްދަނީ ވަންނަ ދެ ޕްރޮޕަޓީގެ ތެރެއިން ޕްރޮޕަޓީއެއް ދޫކޮށްލުން، މާލީ ގޮތުން ހަމަޖެހޭ ކަމަކަށް ނުވާތީއެވެ.

މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވެސް އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނައިރު، ބައެއް މީހުން ބުނަނީ ރަށުގެ ހެޑްލީސް 1.5 މިލިއަން ޑޮލަރަށް ވިއްކާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއީ މަގުއްދުވާގެ ކުލި އެއްބަސްވުމުގެ ކުލި ބޮޑު ވަމުން ގޮސް ކޮންމެ ކުއާޓަރެއްގައި ދޭން އެއްބަސްވެފައިވާ 1.2 މިލިއަން ޑޮލަރާ އަޅާ ބަލާއިރު، އެމްޓީޑީސީއަށް ބޮޑު ގެއްލުމެއް ލިބޭނެ މުއާމަލާތެކެވެ.

ނުއަގުގައި ތުރުކީ ކުންފުންޏަކަށް މަގުދުއްވާ ވިއްކާލަން އުޅޭ ކަމާއި ބޯޑުގެ ބައެއް ޑިރެކްޓަރުން އެކަމާ ދެކޮޅު ހަދަމުންދާ ކަމަށް ހަބަރު ފެތުރިފައިވާއިރު، ޕީސީބީން ވަނީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނިޔާޒު މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން ވަކިކޮށްފަ އެވެ.

ކޮމެންޓް