ރާއްޖޭގެ ފަޅުރަށެއް.--
ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި
29 ޖުލައި 2026 (ބުދަ)   11:28
ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، މިހާރު އަމަލުކުރަމުންދާ "ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު" އުވާލައި، ޒަމާނީ ބޭނުންތަކަށް ފެތޭނޭހެން ފަޅުރަށްރަށާއި ފަޅުތައް އެކަށައެޅުމާއި، ކުއްޔަށް ދިނުމާއި، އަދި ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ގާއިމު ކުރުން ކަމަށް ބިލު ހުށަހެޅި ސަބަބުގައި ބުނެފައި ވެއެވެ. އަށް ބާބުގެ މައްޗަށް އެކުލެވޭ މި ބިލުގައި 75 މާއްދާ ހިމަނާފައިވާއިރު، ބިލު ފާސްވެ ގާނޫނަކަށް ވުމުން ކިޔާނީ "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ގާނޫނު" އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ފަޅުރަށްރަށް އެކަށައެޅޭނީ:

  • ފަތުރުވެރިކަމުގެ ބޭނުމަށް.
  • ސިނާއީ (އިންޑަސްޓްރިއަލް) މަސައްކަތްތަކަށް.
  • މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް.
  • އިގްތިސާދީ އެހެނިހެން ބޭނުންތަކަށް.
  • އިޖުތިމާއީ ބޭނުންތަކަށް.
  • ދައުލަތުގެ ބޭނުމަށް.
  • އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާއްސަ ބޭނުންތަކަށް.

އެ ބިލުގައި އޮތްގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ބާރު ދީފައިއޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ކުއްޔަށް ދޫކުރެވޭނެ މުއްދަތެއްގެ ގޮތުގައި އޮތީ 21 އަހަރެވެ. އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ އިހުތިޔާރު މިނިސްޓްރީތަކާއި ކައުންސިލްތަކަށް ލިބެއެވެ.

ފަޅުރަށްރަށް އެކަށައެޅުމުގައި ރިއާޔަތްކުރަންޖެހޭ އަސާސީ ކަންތައްތަކެއްވެސް ބިލުގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި އެ ރަށެއްގެ ޓޮޕޯގްރަފީ ކަނޑައެޅޭ ބޭނުމަށް އެކަށީގެންވޭތޯ ބެލުމާއި، ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ މިންވަރާއި، ކައިރި ރަށްރަށުގެ މީހުންނަށް ކުރާނެ އަސަރުތަކަށް ބަލަންޖެހޭނެއެވެ. މީގެ އިތުރުން، ތިމާވެށި ނުވަތަ ދިރުންތައް ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތައް އެހެން ބޭނުމަކަށް ކަނޑަނޭޅޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައިވާ ގޮތުން، ވަރުވާއަށް ލިޔެދެވޭ ރަށްތައް ފިޔަވައި އެހެން ހުރިހާ ފަޅުރަށްތަކެއް ބަލަހައްޓާނީ ކައުންސިލްތަކުންނެވެ. އަދި އެކި ބޭނުންތަކަށް އެކަށައެޅޭ ރަށްތަކުގެ ލިސްޓެއް އަހަރަކު އެއްފަހަރު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.

ރަށްރަށް ކުއްޔަށް ދޫކުރުމަށްފަހު އެކަމުގެ ތަފްސީލީ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓު އޮފީހާ ކަމާބެހޭ މިނިސްޓްރީތަކުން ހިއްސާކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ކޮމެންޓް