
500 މީހުންގެ ޖާގައިގެ މިސްކިތްތަކެއް އެޅުމުގެ ޕްރޮޖެކްޓުތައް ފެނަކައާ ހަވާލު ކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެތެރޭގައެވެ. އެ ކުންފުންޏާ ހަވާލު ކުރީ ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ބ. މާޅޮސް، އެ އަތޮޅު ކުޑަރިކިލު، އއ. ފެރިދޫ، ތ. ވޭމަންޑޫ އާއި ހިރިލަންދޫ އަދި ސ. ފޭދޫ ގައި މިސްކިތް އެޅުމަށެވެ.
ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 11 މިސްކިތެއް އެޅުމުގެ ޕްރޮޖެކްޓު، ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަންއާ ހަވާލުވީ ކީއްވެގެންތޯ؟ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުކުރެއްވުމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، އެ ސުވާލަކީ މިއަދުގެ މައުލޫއާ ގުޅޭވެސް ސުވާލެއް ނޫން ކަމަށްވާތީ އެ ސުވާލަށް ޖަވާބު ދެއްވެން ނެތްކަމަށެވެ.
"އަޅުގަނޑު ދެކެނީ އެހެން މަގާމެއްގައި ތި ސުވާލަށް ޖަވާބު ދެވިގެންދާނެ ކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ،" - ޝަހީމް
މައުރޫފްގެ ސުވާޅޫގައި ވިދާޅުވީ، ފެނަކައަކީ ނަރުދަމާ އަޅަން ވެސް ކަމުނުދާ ކުންފުންޏެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އިއްޔެ މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށާއި އެފަދަ ކުންފުންޏަކަށް މިސްކިތް އެޅުމުގެ ތަޖުރިބާ ލިބިފައިވޭތޯ؟ އެވެ.
އެގޮތުން އިއްޔެގެ މަޖިލީހުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ށ. ނަރުދޫގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްނުގެންދެވުނީ އެ މަސައްކަތް ކުރުމުގެ ގާބިލްކަން ފެނަކައިގައި ނެތުމުން ކަމަށެވެ.
މީގެ އިތުރުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ) ހައްޖު ކިޔޫ ދިގުވެގެން އަންނަ އައުމާމެދުގައި އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އެކަމާގުޅޭގޮތުން ސުވާލުކުރެއްވުމުން ޝަހީމް ވިދާޅުވީ، ހައްޖު ކިޔޫ ދިގުވުމަކީ ތަބީއީ ކަމެއް ކަމަށާއި ހައްޖުގެ ކަންކަން މިހާރު ކުރިއަށް ދަނީ ޕްލޭންކުރެވިގެން ރަނގަޅަށް ކަމަށެވެ.
ޝަހީމް ވިދާޅުވީ ދީނަށް މީހުން ލޯބިކުރާ ވަރަކަށް ހައްޖަށް ދާން ބޭނުންވާ މީހުން އިތުރުވާނެ ކަމަށާ، ދުނިޔޭގެ އެހެން ގައުމުތަށް ކަމަށްވާ މިސްރާއި ޕާކިސްތާނާއި އިންޑޮނީޝިއާއަށް ބަލައިލާއިރު އެ ގައުމުތަކުގައި މިލިއަނުން މީހުން ކިޔޫގައި އޮންނަ ކަމަށެވެ.
މިހާރު ޕެންޝަން ފަންޑުން ހަރަދުކޮޮށްގެން ވެސް ހައްޖު ކިޔޫއަށް އެރޭކަނފާހަގަކުރައްވަމުން ް ޝަހީމް ވިދާޅުވީ، ހައްޖަށް މި އަހަރު ފައިސާ ދައްކާ މީހާއަކީ އަންނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް ދާ މީހަކަށް ނުވެ ދާނެކަމަށެވެ.
ބައެއް މީހުން މީގެ ދިހަ އަހަރު ފަހުން ހައްޖަށް ދާން ވެސް އަވަހަށް ފައިސާ ދައްކާ ކަމަށް ވިދާޅުވެ ޝަހީމް ވިދާޅުވީ "އެހެންވީމާ ޕްލޭންކުރެވިގެން މިހާރު އެ [ޙައްޖަށް] ދަނީ، މިހާރު މިކަން އިންތިޒާމުވެފައި މި އޮތީ ހަގީގަތުގައި ވަރަށް ރަނގަޅަށް، ދެން އެހެެންނޫނިއްޔާ މުއްސަނދިންނަށް އެކަނި ހައްޖަށް ދެވެނީ".
ޝަހީމް މިހެން ވިދާޅުވި ނަމަވެސް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރު ކުރުމަށް މި ސަރުކާރު ވެސް ހިމެނޭހެން އެކި ސަރުކާރުތަކުން މަސައްކަތް ކޮށްފައިވީ ނަމަވެސް މިހާތަނަށް އެ ކަމަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.




