
މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ 13 މެންބަރުންގެ ސޮޔާއެކު ކަމަށް ވާއިރު، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުނަނީ މި މައްސަލަ ހުށަހަޅަން ޖެހުނު ސަބަބަކީ މިނިސްޓަރު ސައީދު އާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާ ހިލާފުވެވަޑައިގެން މަޖިލީހަށް ޖަވާބުދާރީވުމަށް އެމަނިކުފާނު ހުރަސްއަޅުއްވަމުންދާތީ ކަމަށެވެ.
އަދި ވެސް އިތުރު ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ މުދަލާއި ފައިސާ ނުބެލެހެއްޓުމާއި، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ތަކެތީގެ އަގު ބޮޑުވުމުގެ އިތުރުން، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުމާއި އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން ހިމެނޭ ކަމަށް ވެސް ޕާލިމެންޓަރީ ގްރޫޕުން ބުނެއެވެ.
އަދި މީގެއިތުރުން، އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވުމާއި، ބިޔަ މަޝްރޫއުތައް އިއުލާނުކުރުމަށްފަހު ހުއްޓިފައި ހުރުމުގެ އިތުރުން މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން ޑޮލަރުގެ ރޭޓު 15.42 ރުފިޔާއަށް ތިރިކުރާނެ ކަމަށް ކުރިން ވައުދުވެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށޭ، އެގޮތުން މިހާރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 21.70 ރުފިޔާއަށްވުރެ ވެސް މަތީގައި ކަމަށް އެމްޑީޕީން ބުނެއެވެ.
އިތުރު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، 2024 ވަނަ އަހަރު ޑިވެލޮޕްމަންޓް ބޭންކް ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ވަޒީރު ވައުދުވެވަޑައިގެންނެވި ނަމަވެސް، މިއަދާ ހަމައަށްވެސް އެ ބޭންކުގެ އެއްވެސް އޮޕަރޭޝަނެއް ފެށިފައި ނުވާއިރު، އަދި މާރިޗު 2025 އާ ހަމައަށް އެ ބޭންކަށް 6.56 މިލިޔަން ރުފިޔާ ހޭދަކޮށްފައިމެ، އެއްވެސް ހިދުމަތެއް ނުލިބި މިހާ ބޮޑު ހަރަދެއް ކުރުމަކީ ދައުލަތުގެ ފައިސާ އިސްރާފުކުރުމުގެ ސާފު މިސާލެއްގެ ގޮތުގައި އެމްޑީޕީމް ފާހަގަކުރެއެވެ.
އަދި މީގެއިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ އެއް މަގުސަދަކީ ރާއްޖޭގެ އިގުތި\ސޯދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިގުތިސޯދީ ދާއިރާތައް ސިންދަފާތުކުރުން ކަމަށް ވީ ނަމަވެސް މި ސަރުކާރުން އެ ގާނޫނު އިސްލާހުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށާ، އެގޮތުން ޓައުންޝިޕް ތައާރަފުކޮށް ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކެއް ބޭރުގެ އަތް މައްޗަށް ދޫކޮށް އެ ފަރާތްތަކަށް ބޮޑެތި ލުއިތައް ދީފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
އެކަމުގެ ސަބަބުން ދިވެހި ދައުލަތުގެ ސަރަހައްދެއް ގެއްލި، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބުން އެކަށީގެންވާ ކަމަށާ، މި ސަރުކާރުން އިއުލާނުކުރި ބޮޑެތި މަޝްރޫއުތައް ހުއްޓި އެއްވެސް ނަފާއެއް އެދެވޭ ގޮތެއްގައި ލިބިފައި ނެތުމަކީ ވެސް ސައީދުގެ އިތުބާރ ނެތްކަމަށް ހުށަހަޅަންޖެހޭ ސަބަބެއް ކަމަށް އެމްޑީޕީން ބުނެއެވެ.
އެގޮތުން ބަންކަރިންގެ ހިދުމަތުން ފުރަތަމަ އަހަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރި 400 މިލިއަން ރުފިޔާގެ އާމްދަނީ ނުލިބުމާއި ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމަށްފަހު އޭގެ ތަފުސީލު ހާމަ ނުކުރުމާއި އިހަވަންދިއްޕޮޅުގެ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއަށް ހއ. ހޯރަފުށީ ފަޅުން ބޮޑު ސަރަހައްދެއް ބޭރުގެ ބަޔަކާ ހަވާލުކުރި ނަމަވެސް، އަމަލީ މަސައްކަތެއް ފެށިފައިނުވާ ކަމަށް، އެމްޑީޕީން ބުނެފައި ވެއެވެ.




