އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ކެމްޕޭން ދަތުރެއްގައި އެމްޑީޕީގެ ސަޕޯޓަރުންނާ ސަލާމްކުރައްވަނީ.-
މާލޭ ސަރަހައްދުގެ ކުނި ބޮޑުތިލަދުންމައްޗަށް އަޅާލުމަކީ ވަރަށްބޮޑު ބޭއިންސާފެއް: ޝާހިދު
މަރްޔަމް މުޙައްމަދު 30 ޖުލައި 2026 (ބުރާސްފަތި)   12:11
މާލޭ ސަރަހައްދުން އުފެދޭ ކުނި ބޮޑުތިލަދުންމަތީގެ ރަށްތަކަށް ގެންގޮސް އުކާލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އެ ސަރަހައްދުގެ ރައްޔިތުންނާމެދު ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑުތިލަދުންމައްޗަކީ ރާއްޖޭގެ އުތުރުބިތުގައި ދިވެހިންގެ ޝަހުޞިއްޔަތު ރަމްޒުކޮށްދޭ، ތަރައްޤީއަށް ކެތްމަދުވެފައިވާ ރައްޔިތަކު ދިރިއުޅޭ ސަރަހައްދެއް ކަމަށެވެ. ނަމަވެސް މާލޭ ސަރަހައްދުގެ "ކުނި" އެ ސަރަހައްދުގެ ޖަޒީރާވަންތަ ފަސްގަނޑަށް އަޅާލުމަކީ އެ ސަރަހައްދަށާއި ރައްޔިތުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މާލޭ ސަރަހައްދުގެ 'ކުނި' ބޮޑުތިލަދުންމަތީގެ ޖަޒީރާވަންތަ ފަސްގަނޑަށް އަޅާލުމަކީ އެ ސަރަހައްދަށާއި އެ ރައްޔިތުންނަށް ކުރެވޭ  ވަރަށްވެސް ބޮޑު ބޭއިންސާފެއް! އަނިޔާއެއް. މަލާމާތެއް!" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވަނީ މި ނިންމުން ވަގުތުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

"ސަރުކާރުގެ ދޯހަޅި ނިންމުން ބަދަލުކުރައްވާ ރައްޔިތުންގެ ވިންދާއެއްގޮތަށް މިސްރާބު ހަމަމަގަށް އަޅުއްވާ. ތިޔަހެނެއް ނުހެއްދެވޭނެ!"

ކ.ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާ އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދަން ނިންމާފައިވާ ނިންމުމާ މެދު އުތުރުގެ ގިނަ ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން، އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހަށް ވަނީ އެކަމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއްވެސް ހުށަހަޅާފަ އެވެ. އެހެންނަމަވެސް ސަރުކާރު  ނިސްބަތްވާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

ކޮމެންޓް