
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި މިއަދު ޕޯސްޓުކުރައްވާ ޝާހިދު ވިދާޅުވީ، ފައިސާ ޗާޕު ކުރުމަކީ ކަނޑައެޅިގެން ރައްޔިތުންގެ މުސްތަގުބަލާއި މުޅި ގައުމުގެ މާލީ ނިޒާމު ހަލާކު ކޮށްލުން ކަމަށެވެ.
އަދި ރައީސް މުއިއްޒު ފައިސާ ޗާޕު ނުކުރައްވާނެކަމަށް ވިދާޅުވެފައިމެ އެ ވައުދާ އެމަނިކުފާނު ހިލާފުވެ ވަޑައިގެންފިކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ، މާލީ ނިޒާމަށް މިވަރު ބޮޑު ގެއްލުމެއް ލިބިދާނެގޮތަކަށް ކަންކުރެއްވުމަކީ ވަރަށް ދެރަވަރުކަމެއް ކަމަށް ޝާހިދު ދެކެވަޑައިގަންނަވާ ކަމަށެވެ.
ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓު މުއާމަލާތެއް ހިންގަން އުޅޭ ވަގުތެއްގައި ޝާހިދު މިފަދައިން ވިދާޅުވެފައި ވާއިރު، އެ އޮފީހުގެ ހެޑް އޮފް އިންވެސްޓުމަންޓުގެ މަގާމުގައި ހުރި ހައިފާ އަހުމަދު މިއަދު އިސްތިއުފާ ދެއްވާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
މައުލޫމާތު ލިބޭގޮތުގައި، ހައިފާއާ އެކީ އެ އޮފީހުގެ މެނޭޖުމަންޓު ލެވަލްގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކު ވެސް އިސްތިއުފާ ދީފައި ވާއިރު، އެ ދެ މުވައްޒަފުން ވެސް އިސްތިއުފާ ދެއްވި ސަބަބަކީ ވެސް ބޮންޑު ގަތުމުގެ މުއާމާލާތް ހިންގަން ނިންމުމުން ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ ކުރިން އެ އޮފީހުގެ ސީއޯއީ އާއި ސީއެފްއޯ އަދި ޕެންޝަން ބޯޑުގެ ޗެއާމަން އާއި ބޯޑު މެންބަރުންތަކެއް ވެސް އިސްތިއުފާ ދީފައި ވާއިރު އޭރު ވެސް ހަބަރުތައް ލިބެމުން ދިޔައީ އެބޭފުޅުންގެ އިސްތިއުފާ ވެސް ގުޅެނީ ހަމަ މި މައްސަލަޔާ ކަމަށެވެ.
ސަރުކާރުން ހިންގަން ނިންމާފައިވާ ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ މުވައްޒަފުންގެ ތެރޭގައި ކަންބޮޑުވެ ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، އެކަމާގުޅޭ މައުލޫމާތު ދޭ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު މެނޭޖުމަންޓުން ދީފައިވާއިރު، މިއަދު ވަނީ އެކަމާގުޅޭގޮތުން މެމޯއެއް ވެސް ނެރެފައި ކަމަށް މައުލޫމާތު ލިބެއެވެ.




