އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ދުނިޔޭގައި ރާއްޖެ އެކަހެރިނުވެ، ގުޅުންތަކުގެ އެހީގައި ކުރިއަށްދިއުން މުހިންމު
މަރްޔަމް މުޙައްމަދު 26 ޖުލައި 2026 (އާދީއްތަ)   10:41
ރާއްޖެއަކީ އަވައްޓެރި ގައުމުތަކާ އެކުގައި އޮންނަންޖެހޭ ގުޅުން ބަދަހިކުރަން ޖެހޭ ގައުމެއް ކަމަށާ، ދުނިޔޭގައި ރާއްޖެ އެކަހެރިނުވެ، ގުޅުންތަކުގެ އެހީގައި ކުރިއަށްދިއުން މުހިންމު ކަމަށްް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި، މިނިވަން ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން، ސަރަހައްދީ ސުލްހައަށް ބަލާއިރު ވެސް ރާއްޖެއިން ހުރިހާ ގައުމަކާއެކު ގުޅުން ބަދަހިކުރުމަކީ ނުހަނު މުހިއްމު ކަމެއްކަން ފާހަގަކުރައްވައި، ޝާހިދު ވިދާޅުވީ އެހެނިހެން ގައުމުތަކާ ހާރިޖީ މައްސަލަތަކަށް ނުގޮސް އޮތުމަކީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

މި ރާއްޖޭގެ ކުރީގެ ސަރުކާރުތަކުން އަބަދުވެސް ގެންގުޅެފައިވަނީ ހުރިހާ ގައުމުތަކާއެކު ވެސް އެކުވެރިކަމުގެ ގުޅުން ބޭއްވުމުގެ ހަރުދަނާ ހާރިޖީ ސިޔާސަތެއް ކަމަށް ވިދާޅުވެ، ކިތަންމެ ވަރަކަށް ރުޅިވެރިކަމާއި ފިތުނަ އުފައްދަން މަސައްކަތް ކުރި ނަމަވެސް، ވެރިކަމަށް އައުމުން އެ ހަގީގަތް ގަބޫލުކުރަން މަޖުބޫރުވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއަކީ އުފުރާލައިގެން އެހެން ތަނަކަށް ގެންދެވޭނެ ގައުމެއް ނޫންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ރާއްޖެއަކީ ވަށައިގެން ފަންގިން ބިތެއް ޖަހާލައިގެން އެކަނި މާއެކަނި އޮވެވޭނެ ގައުމެއް ވެސް ނޫން ކަމަށާ، އެހެންކަމުން އަވައްޓެރި ގައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ޕީއެންސީން ވެރިކަމަށް އައުމުގެ ކުރިން އިންޑިއާއާ ދިމާކޮށް، އެ ގައުމުގެ ބޮޑުވަޒީރުގެ މާލި ހަދައިގެން އުޅުނުކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ވެރިކަމާ ހަވާލުވުމުން ހަގީގަތާ ކުރިމަތިލާން ޖެހޭނެ ކަމަށް އެމަނިކުފާނު އޭރު ވެސް ވިދާޅުވި ކަމަށާ، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ރާއްޖެއަކީ އަވައްޓެރި ގައުމުތަކާއެކު އުޅެންޖެހޭ ގައުމެއްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ލޯނު ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ރާއްޖެއިން ކުރަންޖެހޭ ކަމެއް ކަމަށާ، އަދި ހަމަ ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިނުވެ، އެކުވެރި ގުޅުންތަކުގެ އެހީގައި ގައުމު ކުރިއަށްގެންދިއުން ނުހަނު މުހިންމުކަމެއްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"ރުޅިވެރިކަން އުފައްދައި، ފިތުނަ އުފައްދަން މަސައްކަތް ކުރިއަސް، ވެރިކަމާ ހަވާލުވީމާ އެބަޖެހޭ ހަގީގަތް ޤަބޫލު ކުރަން، އެ ހަގީގަތަކީ އަޅުގަނޑުމެން އަވައްޓެރި ގައުމުތަކާ ގުޅުން ބަދަހިކުރަން ޖެހޭކަން، މި ގައުމު އުފުރާލައިގެން އެހެން ތަނަކަށް ގެންދެވޭކަށް ނެތްކަން - ޝާހިދު

ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން މިއަދާ ހަމައަށް ވޭތުވެދިޔަ އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވައި، ރާއްޖެއަކީ މިހާރު މެދުފަންތީގެ ތަރައްގީ ހޯދާފައިވާ ގައުމުތަކުގެ ގިންތީގައި ހިމެނޭ ގައުމެއްކަން ވެސް، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަދައްކަވަމުން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް