ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސާފު ފައިދާ %21 މައްޗަށް، ޑިޕޮސިޓް 41.6 ބިލިޔަނަށް
މަރްޔަމް މުޙައްމަދު 30 ޖުލައި 2026 (ބުރާސްފަތި)   14:22
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިޔަން ރުފިޔާ ލިބި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު %21ގެ ކުރިއެރުމެއް ހޯދައިފި އެވެ.

ބީއެމްއެލް އިން މިއަދު އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުން، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.3 ބިލިޔަން ރުފިޔާ ލިބުނުއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ހަ މަސްދުވަހުގެ ޖުމްލަ އާމްދަނީ 3.2 ބިލިޔަން ރުފިޔާއަށް އަރައި، ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28ގައި ހިފެހެއްޓިފައި އޮތުމަކީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ.

ޖުމްލަ އާމްދަނީގެ ތެރެއިން 1.6 ބިލިޔަން ރުފިޔާއަކީ އިންޓްރެސްޓުން ލިބުނު އާމްދަނީ އެވެ. އަދި ފީ އާއި ކޮމިޝަންގެ ގޮތުގައި 830 މިލިޔަން ރުފިޔާ ބޭންކަށް ވަނީ ލިބިފަ އެވެ. ހަމައެކަނި ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިޔަން ރުފިޔާ އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިޔަން ރުފިޔާ ބޭންކަށް ވަނީ ލިބިފަ އެވެ.

ބޭންކުގެ ބެލެންސް ޝީޓަށް އައި ކުރިއެރުމަށް ބަލާއިރު، ޖޫން 30ގެ ނިޔަލަށް ބީއެމްއެލްގެ ޖުމްލަ އެސެޓް ވަނީ 62.8 ބިލިޔަން ރުފިޔާއަށް އަރައިފަ އެވެ. ބޭންކުގެ ކުރިއެރުން އެންމެ ބޮޑަށް ދައްކުވައިދޭ އެއް މިންގަނޑު ކަމަށްވާ ކަސްޓަމަރުންގެ ޑިޕޮސިޓް 41.6 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިޔަން ރުފިޔާއަށް އުފުލިފަ އެވެ.

މީގެ އިތުރުން، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މުޅިން އަލަށް 8 ބިލިޔަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ވަނީ ދޫކޮށްފަ އެވެ. މިއީ ރާއްޖޭގެ އިގްތިސާދުގައި ބޭންކުން ދޭ އެހީތެރިކަން އިތުރުވަމުން އަންނަ މިންވަރު ދައްކުވައިދޭ ހެއްކެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކޮމެންޓް