ބޭންކް އޮފް މޯލްޑިވްސް މެއިން ބްރާންޗް.-- ފޮޓޯ: ބީއެމްއެލް
ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް ބީއެމްއެލްއިން ނިންމައިފި
ހިޝާމް ހާރޫން 12 އޯގަސްޓް 2026 (ބުދަ)   22:52
ބީއެމްއެލް (ބޭންކް އޮފް މޯލްޑިވްސް) އަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީ (ޓެލެގްރެފިކް ޓްރާންސްފަރ) ތަކުގެ އަދަދަށް ބަލައި، ތިން ހަފްތާގެ މުއްދަތަކަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ބީއެމްއެލް އިން ނިންމައިފިއެވެ.

އެމްއެމްއޭ (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އިން ތިން ހަފްތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން ބީއެމްއެލް އިން މި ބަދަލު ގެނެސްފައި ވާއިރު، އެމްއެމްއޭއިން އިއްޔެ ވަނީ ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް ނިންމައިފައެވެ.

އެމްއެމްއޭއިން އިއްޔެ ބުނީ، މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާއަށް މި ގެނައި 51 އިންސައްތައިގެ އިތުރުވުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގު އިތުރަށް ފަހިކޮށްދީ، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށެެވެ.

މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބޭންކުން 186 މިލިޔަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނާއިރު، އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިޔަން ޑޮލަރު ކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިޔަން ޑޮލަރުގެ އިތުރު އަދަދެކެވެ.

ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިޔަން ޑޮލަރު ބޭންކުން ފޯރުކޮށްދީފައި ވާއިރު، މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިޔަން ޑޮލަރެވެ.

ކޮމެންޓް