މަސްއޫލިއްޔަތުތައް ހަވާލުކޮށް އައްޔަންކުރެއްވި ބޭފުޅުން - ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް
އެ ބޭންކުގެ އެގްޒެކްޓިވް ޓީމްގެ މެންބަރުންގެ ދައުރަށްވެސް މިއަދު ވަނީ ބަދަލުތަކެއް ގެނެސްފައި
މަރްޔަމް މުހައްމަދު 4 އޯގަސްޓް 2026 (އަންގާރަ)   17:30
ބީއެމްއެލް (ބޭންކް އޮފް މޯލްޑިވްސް) އިން އެ ބޭންކުގެ އިދާރީ އޮނިގަނޑަށާއި. އެތަނުގެ އެގްޒެކްޓިވް ޓީމް މެންބަރުންގެ ދައުރަށްވެސް ބޮޑެތި ބަދަލުތަކެއް މިއަދު ގެނެސްފިއެވެ.

ބީއެމްއެލްއަކީ މި ސަރުކާރުހިންގާ ސިޔާސީ އައްޑާއެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރަމުން އަންނަނިކޮށް މި ގެނައި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްއިން މީޑިއާގައި މިއަދު ބުނެފައި ވަނީ، އެ ބަދަލުތަކަކީ، އެ ބޭން ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށާއި، އެ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ގެނައި ބަދަލުތަކެއް ކަމަށެވެ.

އަދި އެ ބަދަލުތަކަކީ އެތަނުގެ ހިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް، އެ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޭންކުގެ މަސައްކަތްތައް ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.

އެގޮތުން މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން، ސީނިއަރ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައި ކަމަށްވާއިރު، އެ ޒިންމާތައް ހަވާލުކުރެއްވި މެނޭޖްމެންޓް ބޭފުޅުންނަކީ:

  • ރަޝްފާ ޖައުފަރު — ޗީފް ރިސްކް އޮފިސަރު
  • އައިޝަތު ޒަމްރާ ޒާހިރު — ޗީފް ކޮމަރޝަލް އޮފިސަރު
  • ގެރީ ލޯޓަން — ޗީފް ކްރެޑިޓް އޮފިސަރު
  • މޫސާ ނިމާލް — ޗީފް މާކެޓިންގ އޮފިސަރު

ބީއެމްއެލް އާއި އެމްއެމްއޭ މެދުވެރިވެގެން ރައީސް މުއިއްޒުގެ އެންގެވުމުގެމަތިން ހިންގަމުންދަނީ ބޮޑެތި ޖަރީމާތަކެއް ކަމަށާ، އެކަންކަމުގެ ސަބަބުން ޑޮލަރުގެ ބޮޑު ކަޅުބާޒާރެއް ރާއްޖޭގައި އުފެދި، ދުވަހަކު ނުދާ މިންގަނޑަށް ޑޮލަރުގެ އަގު މައްޗަށް ގޮސްފައިވުމުން ބީއެމްއެލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ބީއެމްއެލްގެ ބޯޑު އޮފް ޑައިރެކްޓަރުންގެ އެޕްރޫވަލްއާއެކު މިއަދު މި ބަދަލު ގެނައި އައު އޮނިގަނޑަށް މިއަދުންފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް ބީއެމްއިލް ވަނީ ބުނެފައެވެ.

ކޮމެންޓް