ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް - ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ ޝަރީފް އޭބީއޭގެ ޗެއާމަނަކަށް އައްޔަންކޮށްފި
އެ މަގާމަށް ދިވެއްސަކު އައްޔަންކުރި މިއީ ފުރަތަމަ ފަހަރު
ހިޝާމް ހާރޫން 31 ޖުލައި 2026 (ހުކުރު)   19:37
އޭބީއޭ (އޭޝިއަން ބޭންކަރސް އެސޯސިއޭޝަން)ގެ ޗެއާމަންކަމަށް ބީއެމްއެލް (ބޭންކް އޮފް މޯލްޑިވްސް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.

މިކަން ހާމަކުރައްވާ ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭބިއޭގެ ޗެއާމަންގެ މަގާމަށް ގައުމީ ބޭންކްގެ ސީއީއޯ އަައްޔަން ކުރުމަކީ އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ދާއިރާ އިން އިތުރު ހަރުދަނާ މަސައްކަތްތެއް ކުރުމަށް ވެސް މަގުފަހިވެގެން ދާނެ ކަމެއް ކަމަށާ، އެ މަގާމަށް ޝަރީފް އައްޔަންކުރި އިރު އެ ޖަމިއްޔާގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް ވެސް މި އަހަރު ރާއްޖޭގައި ބޭއްވުމަށް ވެސް ވަނީ ނިންމައިފައި ކަމަށެވެ.

އޭބީއޭގެ މެންބަރު ގައުމުތަކުގެ ބޭންކުތަކުގެ ސީއީއޯއިންނާއި، ސީނިއާ އެގްޒެކްޓިވުންގެ އިތުރުން މާލީ ދާއިރާގެ ބައިނަލްއަގުވާމީ މާހިރުން ބައިވެރިވާ އެ ކޮންފަރެންސް ރާއްޖޭގައި ބާއްވާ މިއީ ދެވަނަ ފަހަރު ކަމަށްވާއިރު، އެންމެފުރަތަމަ މި ކޮންފަރެންސް ރާއްޖޭގައި ބާއްވާފައި ވަނީ 2018 ގައެވެ.

31 ޖުލައި 2026 ގައި ޝަރީފް މި މަގާމުގެ މަސްއޫލިއްޔަތުތަކާ، އޭބީއޭގެ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާއިރު، ޝަރީފަކީ މީގެ ކުރިންވެސް އޭބީއޭގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ސަރަހައްދީ ބޭންކުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ޖަމިއްޔާގެ އަމާޒުތައް ހާސިލުކުރުމަށް 2018 އިން 2020 އަށް އެ ޖަމިއްޔާގެ ވައިސް ޗެއާމަންގެ މަގާމުގައި ހުންނަވާ ޝަރީފް ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

މިއީ މި މަގާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭބީއޭ ވުޖޫދުވެފައި ވަނީ، މީގެ 45 އަހަރު ކުރިން 1981 ގަ އެވެ.

ބީއެމްއެލްގެ އިތުރުން އޭބީއޭގައި ބައިވެރިވާ ރާއްޖޭގެ ބޭންކްތަކުގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މޯލްޑިވްސް ފައިނޭންސް އެންޑް ލީޒިން ކޮމްޕެނީ (އެމްއެފްއެލްސީ) ވެސް ހިމެނޭއިރު، އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ އަދަދު 60 އަށް ވުރެ ގިނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް