
މާލެ ސިޓީގައި ތަރައްގީކުރި މިފަދަ ފުރަތަމަ ބަސް ސްޓޭޝަންގެ ގޮތުގައި މި ބަސް ސްޓޭޝަން ހުޅުވުނުއިރު، މި ތަނުގެ އެތެރެ ވަނީ ޒަމާނީ ފެންވަރަށް ފަރުމާކޮށް އޭސީ ވެސް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ. އަދި އޭސީގައި ތިބުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ބަސް ސްޓޭޝަންގެ ބޭރުގައި ވެސް ގޮނޑިތައް ބަހައްޓައިފައިވާ ކަން ފާހަގަކޮށްލެވޭއިރު، އާންމުންނަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބިދިނުމަށް ޓަކައި އެމްއައިބީގެ ދެ އޭޓީއެމް ވެސް، މި ސްޓޭޝަންގައި ބަހައްޓާފައި ވެއެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމާއި އެމްއައިބީގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ޒުހައިލް ޒައީމް މިއަދު ހެނދުނު ހުޅުއްވައިދެއްވި މި ބަސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި، މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެމްއައިބީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭގެ ހަތަރު ސަރަހައްދެއްގައި މި ފަދަ ބަސް ސްޓޭޝަންތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން މި މަޝްރޫއުގެ ދަށުން، މާފަންނު މައިޒާން ކުރިމަތީގައި ތަރައްގީކުރެވުނު މި ބަސް ސްޓޭޝަންގެ އިތުރުން، އަމީނީ މަގު ސިނަމާލެ 3 ސަރަހައްދު ގައި ވެސް މިފަދަ ބަސް ސްޓޭޝަނެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށާ، އަދި ބޮޑުތަކުރުފާނުމަގު މާލެ ސިޓީ ހޯލް ބޭރުގައާއި، ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދުގައި ވެސް މިފަދަ ބަސް ސްޓޭޝަނެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.
މި ބަސް ސްޓޭޝަންތަކުގެތެރެއިން، ބޮޑުތަކުރުފާނުމަގު ރާޅުގަނޑު ސަރަހައްދުގައި ހަދާ ބަސް ސްޓޭޝަން، 2026 އޮގަސްޓް ގައި ނިންމައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އަނެއް 2 ބަސްސްޓޭޝަން، މި ހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމައި ހުޅުވުމަށް ވެސް ހަމަޖެހިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.މާލެ ސިޓީގެ މުރާލި ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ މުރާލި މެމްބަރުންނާއި އަދި ހިދުމަތްތެރި މުއައްޒަފުންގެ މަސައްކަތުގެ މައިގަނޑު އަމާޒަކީ، މާލެ ސިޓީގައި ދިރިއުޅުއްވާ ރައްޔިތުންނަށް، އަމާން، ރައްކާތެރި، ހިތްހަމަޖެހޭ، އުފާވެރި، ސިޓީއަކަށް، މި ސިޓީ ހެދުންކަމަށް ވިދާޅުވެ، މާލެ ސިޓީއާއި އެމްއައިބީ ގުޅިގެން ބަސް ސްޓޭޝަން ތަރައްގީ ކުރުމަށް ހިންގާ މި މަޝްރޫއަށް އިޝާރާތްކުރައްވަމުން މޭޔަރ ވިދާޅުވީ، މާލެ ސިޓީ ކައުންސިލާ ގުޅިގެން މި ފަދަ ކަންކަން ކުރުމުގެ ފުރުސަތުތު ހުރިހައި ފަރާތްތަކަށް ވެސް ހުޅުވައިލެވިފައިވާކަމަށެވެ.
އަދި އެފަދަ ކޮންމެފަރާތަކަށް ވެސް މާލެ ސިޓީ ކައުންސިލުން މަރުހަބާކިޔާނެ ކަމަށާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
އެމްއައިބީން ހުރިހައި ހަރަދެއް ކުރާ މި މަޝްރޫއު ހިންގުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، އެމްއައިބީން މި ބަސްސްޓޭޝަންނުގައި ބަހައްޓައިފައިވާ 2 އޭޓީމް ހުރިތަނަށް އެއްވެސް ކުއްޔެއް 10 އަހަރު ވަންދެން ދައްކާކަށް ނުޖެހެއެވެ.
އެހެންކަމުން މި ބަސް ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހުރިހައި ޒިންމާއެއް އުފުލުމަށް ހަމަޖެހިފައި ވަނީ ވެސް އެމްއައިބީން ކަން ފާހަގަކޮސްލެވެއެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ކައުންސިލްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.




