މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއް - ފޮޓޯ: ސިޓީކައުންސިލް
މާލެ ސަރަހައްދުގައި ސިލްސިލާ ދީނީ ދަރުސްތަކެއް ބޭއްވުމަށް ކައުންސިލުން ނިންމައިފި
މި ހުށަހެޅުން ކައުންސިލަށް ހުށަހެޅުއްވީ، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރ ޒާޔާ
މަރްޔަމް މުހައްމަދު 6 އޯގަސްޓް 2026 (ބުރާސްފަތި)   09:39
މާލެ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން، މި އަހަރުގެ ބާކީއޮތް މުއްދަތުގައި ކަނޑައެޅޭ ހާއްސަ ތާވަލަކާ އެއްގޮތަށް، މާލެ އާއި ވިލިމާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ރާއްޖޭގެ ދީނީ އިލްމުވެރިން މެދުވެރިކޮށް ދީނީ ދަރުސްތަކެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

މި ހުށަހެޅުން އެ ކައުންސިލަށް ހުށަހެޅުއްވީ، އިއްޔެ އޮތް މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާއްމު ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ.

އިއްޔެގެ ޖަލްސާގައި ޒާޔާ ވިދާޅުވީ، މާލެ ސަރަހައްދުގައި ދީނީގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ ސިޓީ ކައުންސިލުން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާ، އެގޮތުން ރާއްޖޭގެ ދީނީ އިލްމުވެރިން މެދުވެރިކޮށް ސިލްސިލާ ދީނީ ދަރުސްތަކެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން މި އަހަރުގެ ބާކީ މި އޮތް މުއްދަތުގައި ކަނޑައެޅޭ ހާއްސަ ތާވަލަކާ އެއްގޮތަށް މާލެ ވިލިމާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި، ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ރާއްޖޭގެ ދީނީ އިލްމުވެރިން މެދުވެރިކޮށް ހާއްސަ ދީނީ ދަރުސްތަކެއް ބޭއްވުމަށް ހުށަހަޅުއްވާ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، މި ދަރުސްތައް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަދި ޓީވީ ޗެނަލްތަކާ ވާހަކަދައްކައިގެން މި ދަރުސްތައް ޓީވީން ލައިވް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އެދެން. އަދި ހަމައެހެންމެ އޮންލައިން ނޫސްތައް މެދުވެރިކޮށް މި ދަރުސްތަކުން ދީނީ އިލްމުވެރިން ދޭ ނަސޭހަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ނޫސްތަކާ ބައްދަލުކޮށް މިކަން ކުރުމަށް ވެސް އެދޭ ވާހަކަ ދަންނަން. ވީމާ، މި ހުށަހެޅުމަށް ތާއީދުކޮށް ދެއްވައި، މިކަން ފާސްކޮށްދެއްވުން އެދެން." – ޒާޔާ

މީގެއިތުރުން ވެސް އިއްޔެގެ ޖަލްސާގައި ޒާޔާ އިއްޔެ ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި، މިހާރުގެ ރައީސް އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި 9 މިލިޔަނަށްވުރެ ގިނަ ރުފިޔާ، އެމަނިކުފާނުގެ ގާތްބޭފުޅެއްގެ މަސްލަހަތު އޮތް ކުންފުންޏަކަށް ނަހަމަގޮތުގައި ދީފައިވާތީ އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް، އޭސީސީ އަށް އަމުރުކޮށްދެއްވުމަށް ޕީޖީ އަށް ދެންނެވުމަށް ހުށަހެޅުއްވުން ފާހަގަކޮށްލެވެއެވެ.

އަދި، ހުޅުމާލެ ފޭސް 2ގައި ޒަމާނީ ވެޓް މާކެޓެއް ތަރައްގީކުރުމަށް ހުށަހެއްޅުއްވުމާއި، ހުޅުމާލޭގެ ބައެއް ޖަންކްޝަންތަކުން ނަޖިސް ބޭރުވާ މައްސަލަ ހައްލުކުރުމަށްޓަކައި ހާއްސަ މަޝްރޫއެއް އަވަހަށް ފެށުމަށް އެމްޑަބްލިޔުއެސްސީއަށް އެންގުމަށް ވެސް ސިޓީ ކައުންސިލަށް އިއްޔެ ޒާޔާ ވަނީ ހުށަހަޅުއްވާފައެވެ.

އަދި، ހުޅުމާލެ ފޭސް 2 ގައި އަލަށް އާބާދުވާ ސަރަހައްދުތައް ކަމަށްވާ، ފޭސް 2 ގެ އަމާން ދޯދި ރެޝިޑެންޝަލް ޓަވަރުތަކާއި ސްޓެލްކޯ ރެސިޑެންޝަލް ޓަވަރުތައް ހިމެނޭ ސަރަހައްދުގެ މަގުތައް ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި ހަދާ ނިންމަން އެޗްޑީސީ އާއި އެފްޑީސީއަށް އެންގުމަށް ވެސް އިއްޔެ ވަނީ ޒާޔާ ހުށަހަޅުއްވާފައެވެ.

ކޮމެންޓް