ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރ ޒާޔާ، އަދި ފޭސްދޭއްގެ އިމާރާތްތަކެއް
ހުޅުމާލެ ފޭސް 2ގައި ޒަމާނީ ވެޓް މާކެޓެއް ތަރައްގީކުރަން ސިޓީ ކައުންސިލުން ނިންމައިފި
ހުޅުމާލޭގެ ބައެއް ޖަންކްޝަންތަކުން ނަޖިސް ބޭރުވާ މައްސަލަ ހައްލުކުރުމަށްޓަކައި ހާއްސަ މަޝްރޫއެއް އަވަހަށް ފެށުމަށް އެމްޑަބްލިޔުއެސްސީއަށް އެންގުމަށް ވެސް ސިޓީ ކައުންސިލުން މިއަދު ނިންމި
މަރްޔަމް މުހައްމަދު 5 އޯގަސްޓް 2026 (ބުދަ)   17:54
ހުޅުމާލެ ފޭސް 2 ގައި ޒަމާނީ ފެންވަރުގެ ވެޓް މާކެޓެއް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްގީކުރުމަށް އެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާއްމު ޖަލްސާގައި މި މަޝްރޫއު ހިންގުމަށް އެދި ހުށަހަޅުއްވަމުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވީ، ވިލިމާލެ އާއި ހުޅުމާލެ ފޭސް 2 ގައި ޒަމާނީ ފެންވަރުގެ ވެޓް މާކެޓެއް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްގީކޮށްދިނުމަށް އެ ކައުންސިލުން ފާސްކޮށްދިނުން އެދި ހުށަހެޅުއްވީ، އެންމެ ރައްކާތެރިގޮތުގައި ރައްކާކުރެވިފައިވާ ކަނޑުމަހާއި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވިލިމާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެގޮތް ފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މާލެ ސަރަހައްދުގައި ހިންގާ މާރުކޭޓްތަކުގައި ވަކި ސްޓޭންޑަޑެއް ހުންނަން އެބަޖެހޭ. މާރުކޭޓްތަކުގެ ސްޓޭންޑަޑް ބަދަލުކުރަންޖެހިއްޖެކަން ދާދިފަހުން ހިނގި ކަމަކުން ވެސް އަޅުގަނޑުމެން އެންމެން ގަބޫލުކުރަންޖެހޭ. ހުޅުމާލޭ ފޭސް 1 ގެ މާރުކޭޓްގެ ތެރޭގައި މޭވާތަކެއް މަތީގައި އޮވެ، މީދަލެއް އެތަނުގައި ފަޅާފައި އޮތް ކަރައެއް ކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި. އެފަދައިން ހުންނަ މާރުކޭޓްތަކަށް ނުދާނެ ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނެފައިވޭ." – ޒާޔާ

އަދި އެ ވީޑިއޯއަކީ ހުޅުމާލެ ފޭސް 1ގެ މާރުކޭޓުން ތަކެތި ގަންނަން ދިޔަ ރައްޔިތެއްގެ ދެލޮލަށް ފެނުނު މަންޒަރެއް ކަން ފާހަގަކުރައްވާ ޒާޔާ ވިދާޅުވީ، އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އެ ރައްޔިތު މީހާ އާންމުކުރީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކަމަށާ، އެ ވީޑިއޯ މުޅި ސޯޝަލް މީޑިއާގައި ދައުރުވެ، މުޅި ގައުމުގެ ސަމާލުކަމަށް އައިސްފައި ވާއިރު، އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރި ރައްޔިތު މީހާއަށް ފަށްފަށުން ޝުކުރުދަންނަވާ ކަމަށާ، އަދި އޭނާއަށް ސެލިއުޓް ކުރައްވާ ކަމަށް ވެސް ޒާޔާ ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތަނުގައި ވެސް މިފަދަ އިޖުތިމާއީ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގައި ސާބިތުވެ ތިއްބެވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވަމުން ޒާޔާ ވިދާޅުވީ، ދިވެހި ރައްޔިތުން ކެއިން ބުއިމަށް ބޭނުންކުރާ މިފަދަ އަސާސީ ތަކެތި ރައްކާތެރިގޮތެއްގައި ވިއްކޭނެ ޒަމާނީ ވަސީލަތްތަކެއް ގާއިމްނުކުރެވި މިއަދާހަމައަށް އޮތުމަކީ ހިތާމަކުރަންޖެހޭ ކަމެއްކަމަށެވެ.

"މިފަދަ އަސާސީ ހިދުމަތެއް އެންމެ ޒަމާނީކޮށް، އެންމެ ރައްކާތެރިކޮށް ފޯރުކޮށްދެވޭނެ ވަސީލަތްތައް ގާއިމްކުރުމަކީ މި ކައުންސިލްގެ ޒިންމާއެއް ކަމުގައި ދެކެން. މިއީ އޮޕްޝަނަލް ކަމެއް ނޫން، މިއީ ކުރުން ލާޒިމް ކަމެއް." - ޒާޔާ

އަދި ވިލިމާލެ އަކީ ވެސް މާލެ ސިޓީ ކައުންސިލުން މުނިސިޕަލް ހިދުމަތްތައް ދެމުން އަންނަ ތަނަކަށްވާތީ، އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު ރަނގަޅު ކުރުމަށްޓަކައި ޒަމާނީ އާ ބަދަލުތަކެއް ގެންނަން އެބަޖެހޭ ކަމަށް ވިދާޅުވެ، 26 އޮގަސްޓް 2021 ވަނަ ދުވަހަކީ ވިލިމާލެ ޒަމާނީ ތަރައްގީއާ ދިމާލަށް މިސްރާބު ޖަހަން ފެށި ދުވަސް ކަމަށް ޒާޔާ ވިދާޅުވިއެވެ.

"26 އޮގަސްޓް 2021 ވަނަ ދުވަހަކީ ވިލިމާލެ ޒަމާނީ ތަރައްގީއާ ދިމާލަށް މިސްރާބު ޖަހަން ފެށި ދުވަސް. އެއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވިލިމާލެ އާއި މާލެ ގުޅުވާލުމަށް ބްރިޖް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަސް. މާތްﷲގެ ވާގިފުޅާއެކު އަންނަ އަހަރުގެ ތެރޭގައި އެ ބްރިޖްގެ މަސައްކަތް ނިމޭނެ ކަމުގެ އުފާވެރި ޚަބަރު އަޅުގަނޑުމެންނަށް ވަނީ ލިބިފައި. މި ބްރިޖް ހުޅުވުމާއެކު ވިލިމާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެ." - ޒާޔާ

ވިލިމާލޭގައި 300 ފްލެޓް އެޅުމުގެ މަޝްރޫއުގެ ބިންގާ ބީއެމްއެލްގެ ފަރާތުން ވެސް މިހާރު އަޅާފައިވާ ކަން ފާހަގަކުރައްވާ ޒާޔާ ވިދާޅުވީ، އެ ފްލެޓްތައް ނިމުމުން ވެސް ވިލިމާލެއަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށްޓަކައި ވެސް، އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށް ދެކިލައްވާ ކަމަށް ވެސް ޒާޔާ ވިދާޅުވިއެވެ.

އަދި ހުޅުމާލެ ފޭސް 2 އަކީ މިހާރު މި ރާއްޖޭގައި އެންމެ ހަލުވި ދުވެލީގައި ތަރައްގީވަމުން އަންނަ އެއް ސަހަރު ކަން ފާހަގަކުރައްވަމުން،  އެތަނުގައި ގިނަ އަދަދެއްގެ ރެސިޑެންޝަލް ޓަވަރުތައް ގާއިމްކުރެވިފައިވާއިރު، އެ ޓަވަރުތަކުގައި އެތައް ހާސް ރައްޔިތުން ދިރިއުޅެމުން އެބަދާކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، އެ ރައްޔިތުންނަށް ވެސް ރައްކާތެރިކަމާއެކު ރައްކާކުރެވިފައިވާ ކަނޑުމަހާއި މޭވާ އާއި ތަރުކާރީ ގަންނަން ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ ވެސް ސިޓީ ކައުންސިލްގެ ޒިންމާއެއްކަމަށް ދެކިލައްވާ ކަމަށެވެ.

ވެޓް މާކެޓް އިމާރާތެއް އަޅާއިރު އެ އިމާރާތުން ލިބެން ހުންނަންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާ ހިދުމަތްތަކެއް ވެސް މިއަދުގެ ޖަލްސާގައި ޒާޔާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޒަމާނީ ފެންވަރަށް ކަނޑުމަސް ގަނޑުކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިފައި ހުރުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވެ، މީދަލާއި ބުޅަލަށް ނުވަދެވޭކަން ކަށަވަރުކުރެވިފައިވާ މޭވާ އާއި ތަރުކާރީ ވިއްކާނެ ޖާގަތަކެއް ހުރުން ވެސް ކޮންމެހެން މުހިންމުކަމަށް ޒާޔާ ވިދާޅުވިއެވެ.

އަދި އެ އިމާރާތުގައި ފުޑް ކޯޓްތަކެއް ގާއިމްކުރުމަށާއި، އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ފާހާނާތަކެއް ގާއިމްކުރެވިފައި ހުރުމަކީ ވެސް ކޮންމެހެން ބޭނުންތެރި މުހިންމުކަމެއް ކަމަށް ޒާޔާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ބައެއް ޖަންކްޝަންތަކުން ނަޖިސް ބޭރުވާ މައްސަލަ ހައްލުކުރުމަށްޓަކައި ހާއްސަ މަޝްރޫއެއް އަވަހަށް ފެށުމަށް އެމްޑަބްލިޔުއެސްސީއަށް އެންގުމަށް ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ޒާޔާ ވިދާޅުވީ، ހުޅުމާލެ ފޭސް 1 ބްލޫހެވަން ރެސިޑަންސް އާއި ރީތިގަސް ރެސިޑެންސް އަދި ހުޅުމާލެ ފޭސް 2 އެމްއޭސީއެލް ރެސިޑެންޝަލް ޓަވަރު ހިމެނޭ ސަރަހައްދުގެ ޖަންކްޝަންތައް ފުރިގެން މަގުމައްޗަށް ނަޖިސް ބޭރުވަމުން އަންނާތީ، އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، ހީނުކުރާ ފަދަ ސިއްހީ ކާރިސާއެއް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އަދ ވަކިން ހާއްސަކޮށް ރަށުގެ ފެންފަށަލައަށް އެގޮތަށް ރޯ ނަޖިސް ބޭރުވުމަކީ ތިމާވެއްޓަށާއި އާންމުންގެ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެއް ކަން ފާހަގަކުރައްވަމުން ޒާޔާ ވިދާޅުވީ، ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން އެ މައްސަލަ ހައްލުކުރުމަށްޓަކައި އެމްޑަބްލިއުއެސްސީގައި ތަކުރާރުކޮށް އެދިފައިވީ ނަމަވެސް، އެކަމަށް މިހާތަނަށް އެއްވެސް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

"މިކަމަށް ދާއިމީ ހައްލެއް ލިބޭނީ އެ ސަރަހައްދުގެ ޖަންކްޝަންތައް މިހާރުގެ އާބާދީއާ އެކަށީގެންވާ ގޮތަށް އަލުން ރީޑިޒައިން ކޮށްގެން ކަމަށް އަޅުގަނޑު ދެކެން. އެ ސަރަހައްދުގައި އަޅާފައިވާ ނަރުދަމާގެ ލައިނަކީ އެތަނަށް ބޭނުންވާ މިންވަރަށްވުރެ ކުޑަ ކެޕޭސިޓީއެއް ހުރި ނަރުދަމާ ލައިނެއް. އެ ސަރަހައްދުގައި އުސް އިމާރާތްތައް ގިނަވުމުގެ ސަބަބުން އުސް އިމާރާތްތަކާއި ނަރުދަމާގެ ކެޕޭސިޓީއާ ނުބައްދަލުވުމުން މި މައްސަލަ ދިމާވަނީ." - ޒާޔާ

އެ ސަރަހައްދުގައި އިތުރު ހަތަރު ރެސިޑެންޝަލް ބިލްޑިންގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދާކަން ފާހަގަކުރައްވާ ޒާޔާ ވިދާޅުވީ، އެ އިމާރާތްތައް ވެސް ނިމި އެތަންތަނުގައި މިހާރަށްވުރެ ގިނަ މީހުން ދިރިއުޅެން ފެށުމުން އެ މައްސަލަ އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ.

"އެމްޑަބްލިޔުއެސްސީއަށް ކޮންމެ މަހަކު ރައްޔިތުން ދޭ ފައިސާ އިން މިފަދަ މައްސަލަތައް ހައްލު ނުކުރެވެންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އެހެންކަމުން މިއަދު އަޅުގަނޑު މި ހުށަހަޅަނީ ހުޅުމާލޭގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވާ މައްސަލަ ހައްލުކުރަން ވީއެންމެ އަވަހަކަށް ހާއްސަ މަޝްރޫއެއް ފެށުމަށާއި އެ މަސައްކަތް ކުރުމަށް ރާވާފައިވާގޮތުގެ އެންމެހައި ތަފްސީލް މި ކައުންސިލާ ހިއްސާކޮށްދިނުމަށް އެމްޑަބްލިޔުއެސްސީއަށް އެންގުމަށް މި ކައުންސިލުން ފާސްކޮށްދިނުމަށް." - ޒާޔާ

ފާހަގަކޮށްލެވޭގޮތުގައި ހުޅުމާލެ ފޭސް 2 އަށް ގިނަބަޔަކު މިހާރު ވެސް ހިޖުރަކޮށް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގައި އެކަށޭނަ ވެޓް މާކެޓެއް އަދި ހާއްސަކޮށް މަސް މާރުކޭޓެއް ވެސް ނެތުމަކީ އެސަރަހައްދުގައި ވަޒަންވެރިވެ ދިރިއުޅެމުން އަންނަ ހުރިހާ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަން އެ ރައްޔިތުން ފާހަގަކުރެއެވެ.

އަދި ހުޅުމާލޭގެ ބައެއް ޖަންކްޝަންތަކުން ނަޖިސް ބޭރުވާ މައްސަލަ އަކީ ވެސް މިހާރަކަށް އައިސް އާންމުވެފައިވާ ބޮޑު މައްސަލައެއް ކަން ވެސް ފާހަގަކޮށެލެވޭ އިރު، އެ ކަންކަން ހައްލުކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީއަށް އަންގަވައިގެން ހާއްސަ މަޝްރޫއެއް އަވަހަށް ފެށުމަށް ސިޓީ ކައުންސިލުން މިއަދު ނިންމި ނިންމުމަކީ އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު އުންދަގުލަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

ކޮމެންޓް