އުރީދޫ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން - ފޮޓޯ: ފިޔެސް
އުރީދޫ ރާއްޖޭގައި 21 އަހަރު ހޭދަކޮށްފި، ކަސްޓަމަރުންނަށް ބޮޑެތި އޮފާތަކެއް
އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، އުރީދޫ މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމްގެ ހިދުމަތް ތައާރަފުކޮށްފައި ވާއިރު، އަހަރީދުވަހު 21 ޖީބީ ފްރީ ޑޭޓާ ޕެކޭޖެއް ވެސް ލިބޭ
މަރްޔަމް މުހައްމަދު 30 ޖުލައި 2026 (ބުރާސްފަތި)   17:12
އުރީދޫ މޯލްޑިވްސް އަށް 21 ވަނަ އަހަރު ފުރޭ ދުވަހަކީ އަންނަ އޯގަސްޓު މަހުގެ އެއްވަނަ ދުވަސް ކަމަށް ވުމާއެކު، އަހަރީދުވަހާ ގުޅުވައިގެން އުރީދޫގެ ކަސްޓަމަރުންނަށް އައު ޑިޖިޓަލް ހިދުމަތްތަކަކާއި، ހާއްސަ އޮފާތަކެއް އެ ކުންފުނިން ތައާރަފުކޮށްފިއެވެ.

މިކަމާގުޅޭ މައުލޫމާތުތައް މީޑިއާ އާ ހިއްސާކުރުމަށްޓަކައި، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުރީދޫ މޯލްޑިވްސްއިން ބުނީ، މި އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، އުރީދޫ މެދުވެރިކޮށް ސީދާ ޓްރޫކޯލާ ޕްރީމިއަމްގެ ހިދުމަތް ތައާރަފުކުރުމަކީ ވަރަސް ވެސް ފާހަގަކޮށްލެވޭ ހިދުމަތެއް ކަމަށާ، އަދި މީގެ އިތުރުން ވެސް އަންނަ އޯގަސްޓު މަހުގެ ތެރޭގައި ތައާރަފުކުރާ ގިނަ އީޖާދީ އުފެއްދުންތަކާއި ހާއްސަ އޮފާތަކަކީ ކަސްޓަމަރުންގެ އަގުވަޒަންކުރުމާއެކު ރާއްޖެއަށް އައު ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ދޭ އޮފާތަކެއް ކަމަށެވެ.

ޓްރޫކޯލާގެ ހިދުމަތާ ގުޅޭގޮތުން އުރީދޫއިން އިތުރަށް ބުނެފައި ވަނީ، ފައިސާ ދައްކާ އިތުރު ވަސީލަތެއް ބޭނުންނުކޮށް، ސީދާ އުރީދޫ އެކައުންޓަށް ބިލްކުރެވޭ ގޮތަށް ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު ޓްރޫކޯލާ ޕްރީމިއަމްއަށް ސަބްސްކްރައިބް މިހާރު ކުރެވޭއިރު، އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ސްޕޭމް ކޯލްތައް އިތުރުވަމުންދާއިރު، މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރިކަން ލިބޭނެ ދެކޭ ކަމަށެވެ.

އަދި ޓްރޫކޯލާ ޕްރީމިއަމްގައި އެޑްވާންސްޑް ސްޕޭމް ބްލޮކްކުރުމާއި، ޕްރޮފައިލް ބެލި މީހުންގެ މައުލޫމާތު އެނގުމާއި، އިންކޮގްނިޓޯ މޯޑާއި، ކޮންޓެކްޓް ރިކުއެސްޓް ފޮނުވުމުގެ އިތުރުން އިޝްތިހާރު ނުފެންނަ ގޮތް ހެދުމާއި ޕްރީމިއަމް ވެރިފިކޭޝަން ބެޖު ވެސް ހިމެނޭއިރު، އާއިލާތަކަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ޝަރުތުހަމަވާ ފައިވްޖީ އެއާފައިބާ ކަސްޓަމަރުންނަށް "ޗައިލްޑްސޭފް" ޕޭރެންޓަލް ކޮންޓްރޯލް ހިދުމަތް ވެސް ތައާރަފުކޮށްފައިވާ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

ގޭގޭގައި ބޭނުންކުރާ ބްރޯޑްބޭންޑް ވަސީލަތްތަކުގައިވާ ޕޭރެންޓަލް ކޮންޓްރޯލް ފީޗަރތައް އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު މި ހިދުމަތުގެދަށުން ލިބިގެން އަންނައިރު، ހަމަ މި ހިދުމަތާއެކު އިންޓަނެޓް ބޭނުންކުރެވޭ މިންވަރު ވެސް ކޮންޓްރޯލްކޮށް، ކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދެވޭނެކަމަށް ވެސް އުރީދޫއިން ބުންޏެވެ.

ޕޯސްޓްޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފާތަކެއް ހުޅުވާލާފައި ވާއިރު، އޯގަސްޓު މަހުގެ ތެރޭގައި 1،000 ރުފިޔާއިން ފެށިގެން މަތީގެ ކްލަބް ޕްރިމިއާ ޕްލޭންތަކަށް ބަދަލުވާ ފުރަތަމަ 100 ކަސްޓަމަރުންނަށް، ޑިސެމްބަރު 31 ގެ ނިޔަލަށް ބޭނުންކުރެވޭ 100 ރުފިޔާގެ 'ހުއޯޕަން' އެޕް ޑިސްކައުންޓް ވައުޗަރެއް ލިބޭނެ ކަމަށާ، ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑްކުރުމާއި ސުޕާނެޓް ހިލޭ އަޕްގްރޭޑްކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައި ވާނެކަމަށް އުރީދޫއިން ބުންޏެވެ.

އަދި ސުޕާނެޓް އަންލިމިޓެޑް ބޭނުންކުރާ ކަސްޓަމަރުން އިތުރު ޕްލޭނަކަށް އަޕްގްރޭޑްކުރާނަމަ، ފުރަތަމަ ތިން މަސްދުވަހު މިހާރު ދައްކާ މަހުފީގައި އަޕްގްރޭޑްކުރި ސްޕީޑް ލިބޭނެ ކަމަށާ، އޭގެ އިތުރުން، ސުޕާނެޓް ކަސްޓަމަރުންނަށް އެންމެ 21 ރުފިޔާއަށް 21 އެމްބީޕީއެސް ސްޕީޑުގައި ހަތް ދުވަހުގެ މުއްދަތަށް 21 ޖީބީ ލިބޭ ހާއްސަ އަހަރީ އެޑް-އޮންއެއް ލިބެން ހުންނާނެ ކަމަށްވެސް އެ އުރީދޫ މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

އަހަރީ ދުވަހުގެ އުފާފާޅުކުރުންތަކުގެ ތެރެއިން، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިޖުތިމާއީ ހަރަކާތް ކަމަށްވާ 'އުރީދޫ ފަން ރަން' އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާކަންވެސް އެ ކުންފުނިން މިއަދު އިއުލާނުކޮށްފައި ވާއިރު، މިއީ ދުޅަހެޔޮކަމާއި އާއިލީ އުފަލާއި މަޖާ ހަރަކާތްތަކާއެކު އެތައް ހާސް ބަޔަކު އެއްވެގެން ބާއްވާ ދުވުމެއް ކަން އުރީދޫއިން ފާހަގަކުރެއެވެ.

ހަމައެއާއެކު، އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ "ލިވް އަންލިމިޓެޑް" ކެމްޕޭނުގެ ތެރެއިން 19 އުމްރާ ދަތުރު ދިނުމަށްފަހު، ކެމްޕޭން ނިންމާލުމުގެ ގޮތުން ދެ މީހަކަށް ދޭ ހައްޖު ދަތުރުގެ ނަސީބުވެރިޔަކީ މިސްރިއްޔާ އަލީ ކަމަށް ވެސް އުރީދޫއިން މިއަދުވަނީ އިއުލާނުކޮށްފައެވެ.

މި އަހަރީ ދުވަހާ ގުޅިގެން ހާއްސަ ޑޭޓާ އޮފާއެއްވެސް އިއުލާނުކޮށްފައި ވާއިރު، އޯގަސްޓު އެއްވަނަ ދުވަހު ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ ސުޕާ އެޕްގެ 'ސުޕާ ޑީލްސް' ބައި މެދުވެރިކޮށް ހިލޭ 21 ޖީބީގެ ޑޭޓާ ޕެކެއް ހޯދޭނެ ކަމަށާ، އެއް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި އޮފާ ހޯދޭނީ ހަމައެކަނި އޯގަސްޓު މަހުގެ އެއްވަނަ ދުވަހު ކަމަށް ވެސް އުރީދޫއިން ފާހަގަކުރެއެވެ.

އަދި، 400 ރުފިޔާއަށްވުރެ މަތިން ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުލުމަކުން ހޮވޭ ފަރާތަކަށް މޯލްޑިވިއަންއިން ސްޕޮންސަރުކުރާ ބަންގްލަދޭޝްގެ ޑާކާއަށް ދެކޮޅު ޓިކެޓް ދިނުމަށްވެސް ހަމަޖެހިފައި ވާއިރު،އޯގަސްޓު މަހުގެ ތެރޭގައި ކޮންމެ 10 ދުވަހަކުން މި ގުރުއަތުގެ ނަސީބުވެރިއަކު ހޮވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، އުރީދޫ ސުޕާ އެޕް މެދުވެރިކޮށް މާސްޓާކާޑު ބޭނުންކޮށްގެން 400 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހުންނަށް މެލޭޝިއާއަށް ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ނިންމާފައެވެ. މާސްޓާކާޑު ސޭވްކޮށްގެން ނުވަތަ އޮޓޯޕޭ އެކްޓިވޭޓްކޮށްގެން މި ގުރުއަތުގައި އިތުރު ފުރުސަތުތައް ހޯދޭނެ ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް