
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނީ، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ދިވެހިރާއްޖެ އަދި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށް، ފައިނަލް ނޯޓިފިކޭޝަން ލިޔުމުން ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ކަމަށެވެ.
އަދި މި އެއްބަސްވުމަށް އަމަލުކުރަން ފަށާ ރަސްމީ ތާރީޚަކީ 1 އޮގަސްޓު 2026 ކަމުގައި ދެފަރާތުން އެއްބަސްވެފައިވާތީ، މި އެއްބަސްވުމަށް މިއަދު އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެށިކަން ފާހަގަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި ތުރުކީއާ ދެމެދު ސޮއިކުރި ޕީޓީއޭއަށް އަމަލުކުރަން ފެށިގެންދިއުމަކީ، ދެ ގައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ނަގަމުން ދިޔަ ޑިއުޓީ މާފުވާނެކަމަށާއި މީގެ ސަބަބުން 85 މިލިޔަނަށްވުރެ ގިނަ ކޮންސިއުމަރުންގެ މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތަކާއި މުދާ ހޯދުމުގައި ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން ޙާސިލްކުރެވުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައިވެސް މިނިސްޓަރ ސިފަކުރެއްވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ މިއަދު އަމަލުކުރަން ފެށި ވިޔަފާރީގެ މިއެއްބަސްވުމުގެ މައްޗަށް ބިނާކޮށް ދެ ގައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވާނެކަމަށެވެ.
ރާއްޖެއާއި ތުރުކީއާ ދެމެދު ކަނޑައެޅޭ ވަކި މުދާތަކެއްގެ ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށީ، މިދިޔަ އަހަރު ފަހުކޮޅު ރައީސް މުޢިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ.
ޕީޓީއޭގެ ސަބަބުން ތުރުކީން އެކި ބާވަތްތަކުގެ މުދަލާއި އަސާސީ ކާބޯތަކެތި އެ ގައުމުން އެތެރެކުރުމަށް ލުއިތަކެއް ލިބި، އިމްޕޯޓް މުދާ އެތެރެކުރާ މާކެޓުތައް އިތުރުވެގެންދާނެކަންވެސް އިކޮނޮމިކް މިނިސްޓްރީން ފާހަގަ ކުރެއެވެ.




