ޗައިނާގެ މޮލީ ޓީގެ ހަތަރު ފިޔަލީ މަލުގެ ލޯގޯ
ލޫއި ވިޓަންއަށް 1.5 މިލިޔަން ޑޮލަރު ދިނުމަށް ޗައިނާ ކުންފުންޏަކަށް އަމުރެއް
މަރްޔަމް މުޙައްމަދު 6 ޖުލައި 2026 (ހޯމަ)   10:17
ފަރަންސޭސި ވިލާތުގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "ލޫއި ވިޓަން" އާ ޗައިނާގެ މަގުބޫލު މިލްކް ޓީ ޗެއިންއެއް ކަމަށްވާ "މޮލީ ޓީ" އާ ދެމެދު އުފެދުނު ގާނޫނީ މައްސަލައަކާ ގުޅިގެން، ފިކުރީ މުދަލުގެ ދައުވާ ލޫއި ވިޓަން އިން ކުރުމުން އެ މައްސަލާގައި ލޫއި ވިޓަންއަށް 1.5 މިލިޔަން ޑޮލަރު ދިނުމަށް ޗައިނާ ކުންފުންޏަށް ކޯޓުން އަމުރުކޮށްފިއެވެ.

މައްސަލަ ދިމާވި ސަބަބަކީ، ލޫއި ވިޓަންގެ ޓްރޭޑްމާކް މޮލީ ޓީ އިން ބޭނުންކުރުމުންނެވެ. އެހެންކަމުން ކޯޓުން ކޮށްފައިވާ އަމުރުގައި ވަނީ، މޮލީ ޓީ  އިން އެ ލޯގޯ ބޭނުންކުރުން ހުއްޓާލުމަށާ، ބަދަލުގެ ގޮތުގައި  1.5 މިލިޔަން ޑޮލަރު ލޫއި ވިޓަން އަށް ދެއްކުމަށެވެ.

އަދި މީގެ އިތުރުން، ޗައިނާގެ ކުންފުނިން މީޑިއާގައި އެކަމަށްޓަކައި އާންމުކޮށް މާފަށް އެދުމަށް ވެސް ކޯޓުން އަމުރުކޮށްފައިވެއެވެ.

މޮލީ ޓީ އިން ބޭނުންކުރި ލޯގޯއަކީ އެ ކުންފުނީގެ ބްރޭންޑް ނިޝާނެއްގެ ގޮތުގައި ބޭނުންކުރި ހަތަރު ފިޔަލީ މަލުގެ ނިޝާނެކެވެ. އަދި އެއީ ލޫއި ވިޓަންގެ މަޝްހޫރު މޮނޮގްރާމް ނިޝާންތައް ނަކަލުކޮށްފައި ހަދައިގެންއުޅޭ ނިޝާނެއް ކަމަށް ލޫއި ވިޓަން އިން ބުނެއެވެ.

ލޫއި ވިޓަންގެ ފަރާތުން މި ދައުވާ އުފުލާފައިވަނީ 2025 ވަނަ އަހަރުގެ މެއި މަހުއެވެ. އަދި ކޯޓުން މި މައްސަލައިގައި ހުކުމް ކުރީ ޖޫން 29 ގައެވެ. މޮލީ ޓީ އިން ވަނީ މި މައްސަލަ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރަން ނިންމާފައިވާކަން ކަށަވަރު ވެސް ކޮށްދީފަ އެވެ.

ކޮމެންޓް