
އިގްތިސާދުގައި ހުރި ޑޮލަރަށް ވުރެ ދައުރުވާ ދިވެހި ރުފިޔާ ގިނަވުމާ ވިދިގެން ރުފިޔާގެ އަގު ވެއްޓި، ޑޮލަރު ގަންނަން ލިބޭ އަގު ވަނީ 21ރ. އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި ވިޔަފާރިވެރިންނަށް ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމާ ވިދިގެން ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން ވެސް ވަނީ މައްޗަށް ޖެހެން ފަށައިފައެވެ.
އެމްއެމްއޭން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިގްތިސާދުގައި ދައުރުވާ ދިވެހި ރުފިޔާ މަދުކުރަން ދެ ފިޔަވަޅެއް އަޅަން އެ ބޭންކުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އަންނަ މަހުން ފެށިގެން ބޭންކުތަކުން އެ އިދާރާގައި ބަހައްޓަން ޖެހޭ އެންމެ މަދު މިންވަރު (އެމްއާރުއާރު) 10.5 ޕަސެންޓުން 11 ޕަސެންޓަށް މަތިކުރާނެ ކަމަށެވެ.
އެ އިދާރާއިން ބުނީ އަންނަ އަހަރު ކޮންމެ ތިން މަހަކުން ރިޒާވުގެ އަދަދު ރިވިއުކުރުމަށް ފަހު، މަތިކުރަމުން ދާނެ ކަމަށާއި މަޑުމަޑުން މަތިކުރަމުން ގޮސް އަންނަ އަހަރުގެ ނިޔަލަށް އެމްއާރުއާރު 13 ޕަސެންޓަށް މަތިކުރާނެ ކަމަށެވެ.
އޭގެ އިތުރުން، އެމްއެމްއޭން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށި އޯޕަން މާކެޓް އޮޕަރޭޝަން (އޯމޯ) ފުޅާކޮށް، 10 ބޭސިސް ޕޮއިންޓަށް އިތުރުކުރަން ނިންމާފަ އެވެ. މި ބޭސިސް ޕޮއިންޓުތައް އިތުރުކުރުމުގެ ބޭނުމަކީ މި މުއާމަލާތުން ބޭންކުތަކަށް ލިބޭ އިންޓްރެސްޓް އާމްދަނީ އިތުރުކޮށް، އެ ފައިސާ އެމްއެމްއޭގައި ބަހައްޓަން ބޭންކުތަކުގެ ޝައުގުވެރިކަން އިތުރުކުރުމެވެ.
އެމްއެމްއޭން ބުނީ، މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އޯމޯ ހިންގައިގެން ބޭންކިން ނިޒާމުގައި ހުރި ދިވެހި ރުފިޔާ އެކްސެސް ލިކުއިޑީގެ ތެރެއިން 2.7 ބިލިޔަން ރުފިޔާ ނަގާފައިވާ ކަމަށެވެ. މިއާއެކީ ޝޯޓް ޓާމް ލިކުއިޑިޓީ 6.5 ބިލިޔަން ރުފިޔާއިން 3.7 ބިލިޔަން ރުފިޔާއަށް ކުޑަވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
އެމްއެމްއޭއިން މި ފިޔަވަޅުތައް އަޅާފައި މި ވަނީ ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށްވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެނީ 21.80ރ. އަށެވެ.




