ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޢަބްދުލް ޤައްޔޫމް - ފޮޓޯ:ޕީއެންއެފް
އެހެން ޕާޓީތަކުގެ މެންބަރުން އިތުރުވެ، ލިބޭ ފައިސާ އިތުރުވާތީ ޕީއެންއެފް ކަންބޮޑެއް ނުވޭ
"ޕީއެންއެފުން ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއް ވެސް މިހާތަނަށް ބޭނުމެއް ނުކުރޭ، ދެންވެސް ކުރިއަށްދާނީ އެގޮތުގައި"
ހަސަން އިބްރާހީމް 31 ޖުލައި 2026 (ހުކުރު)   15:13
އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދު އިތުރުވެގެން ނުވަތަ އެ ޕާޓީތަކަށް ފައިސާ ލިބުމުން ޕީއެންއެފުން ކަންބޮޑުވެގެން ނޫޅޭ ކަމަށާ ސަބަބަކީ، ޕީއެންއެފުން އަދި މިހާތަނަށް ދައުލަތުގެ އެންމެ ލާރިއެއް ވެސް ބޭނުން ނުކުރާތީ ކަމަށް ޕީއެންއެފްގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން، މި އަހަރު ދައުލަތުން ފައިސާ ލިބޭނީ ހަތަރު ޕާޓީއަކަށް ކަން މިދިޔަ އަހަރުގެ ޑިސެންބަރު މަހު އިއުލާންކޮށްފައި ވާއިރު، އެއީ 10،000 މެމްބަރުން ހަމަވި ހަތަރު ޕާޓީ ކަމަށްވާ، ޕީއެންސީއާއި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ކަމަށް އިއުލާން ކުރިއެވެ.

އިލެކްޝަންގެ ދަފުތަރުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ޕީއެންސީގައި ތިބީ 3،137 މެންބަރުންނެވެ.

ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި، އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދު އިތުރުވެގެން ނުވަތަ އެ ޕާޓީތަކަށް ފައިސާ ލިބުމުން ޕީއެންއެފުން ކަންބޮޑުވެގެން ނޫޅޭ ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ، ޕީއެންއެފް އުފެދުނުއިރުން ފެށިގެން މިހާތަނަށް ވެސް ދައުލަތުގެ އެންމެ ލާރި ފޮއްޗެއް އަދި ބޭނުންކޮށްފައި ނުވާނެ ކަމަށާ، އެ ޕާޓީ ހިންގަނީ ދައުލަތުން ލާރި ލިބޭނެ ކަމުގެ އުއްމީދުގައި ނޫން ކަމަށެވެ.

ދިވެހި ދައުލަތުން ސިޔާސީ ޕާޓީތަކަށާއި މީޑިއާތަކށް ވެސް ފައިސާ ދޭކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ދައުލަތް ޒިންމާދާރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަނީ ޕީއެންއެފާއި އެ ޕާޓީގެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި ކަވަރު ކުރާ ޓީވީ ޗެނަލް ކަމުގައިވާ "ޗެނަލް 13" ކަމަށެވެ.

"މައްސަލަތައް ކަރަންޓު އިޝޫސްތައް ގެނެސްދީ އޭގެ ރަނގަޅު ގޮތް، ހަގީގަތް އޮތް ގޮތް ކިޔައިދޭ ޕާޓީއަކަށް، އެއީ ރެސްޕޮންސިބުލް ޖާނަލިޒަމް." - ޔާމީން

އެހެންކަމުން ދައުލަތުން ފައިސާ ނުލިބުނަސް، ދައުލަތް އެންމެ ބޮޑަށް ޖަވާބުދާރީ ކުރުވާ ޕާޓީއަކީ ޕީއެންއެފްގެ ގޮތުގައި ދެމިއޮންނެކަމަށް ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކޮމެންޓް