
ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ބޭއްވި ޕީއެންއެފްގެ ޓައުންހޯލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، މިއަދު އާންމު ރައްޔިތުން އިންތިހާއަށް ނިކަމެތިވެފައިވީ ނަމަވެސް، ވެރިންނަށް އެކަމުގައި އެއްވެސް އުނދަގުލެއް އަދި ދަތިކަމެއް ނެތް ކަމަށެވެ. އާދައިގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދިޔަ ނަމަވެސް، ކޮރަޕްޝަން ހިންގުމަށް މަގުފަހިވާ ގޮތަށް އެކި މީހުންނަށް ވަޒީފާ ދެމުންދާ ކަމާއި ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ލިބޭ އާމްދަނީން ބޮޑު ބައި ހޭދަކުރަނީ މުސާރަ ދިނުމާއި ރިކަރަންޓު ހަރަދުތަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު، މިދިޔަ ހަފްތާގައި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރުމާ ގުޅޭގޮތުންވެސް ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކިއެވެ.
އެ މައުލޫގައި ރައީސް ޔާމީން ކުރެއްވި ކޮމެންޓްގައި ވިދާޅުވީ މުއިއްޒު ކޮމްޕްރޮމައިޒް ވާވަރުގެ އެއްޗެހި މުއާޒު އަތުގައި ހުރިކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި ކޮމްޕްރޮމައިޒްވާ ކަންތައްތަކުގެ ތެރޭގައި ބަރަހަނާ ފޮޓޯ ފަދަ ތަކެތި ވެސް ހިމެނިދާނެ ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑު ހަމަ މީގައި ލައްޗޭއަށް ހަމަ ތާއީދު، މިކަން މިހެންވެގެން މި އުޅެނީ މީނާ (މުއާޒު) އަތުގައި ހުރި މުޢިއްޒު ކޮމްޕްރޮމައިޒް ވާވަރުގެ އެއްޗެހި އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
މުއާޒަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް ޑިސެމްބަރު 2024 ގައި އޭނާ ފެނަކައިން އިސްތިއުފާ ދެއްވިއިރު އޭނާގެ މައްޗަށް ނުއަގުގައި ކޭބަލްތަކެއް ގަތް މައްސަލަ ހިމެނޭހެން ކޮރަޕްޝަނުގެ ތުހުމަތުތައް އޮތެވެ. ނަމަވެސް މުއާޒް ވަނީ އެކަންކަމަށް އިންކާރު ކުރައްވާފަ އެވެ. އިސްތިއުފާ ދެއްވަމުން މުއާޒް ވިދާޅުވީ ކުންފުނީގެ އޮޕަރޭޝަން ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭ ހާލަތަކަށް ވެއްޓިފައިވާ ކަމަށާއި، އެކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތް ކަމަށެވެ.
މީގެ އިތުރުން މުއާޒް އިސްތިއުފާ ދެއްވި ދުވަސްކޮޅު އޭނާ ތަހުގީގަށް ގެންދިޔުމަށް އެދިފައި ވާކަމަށާއި، ގެންގޮސްފިނަމަ މުއިއްޒާއި ބެހޭގޮތުން ދައްކަން ހުރި ވާހަކަ މަދު ނުވާނެ ކަމަށް ބުނި ކަމަށް ނޫސްތަކުން ރިޕޯޓުކުރި ކަމަށާއި މިއީ މުއާޒު އަތުގައި މުއިއްޒު ކޮމްޕްރޮމައިޒް ވާވަރުގެ އެއްޗެހި ހުރިކަމުގެ ހެކި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.




