
މުއްސަނދިންނަށް ރާއްޖޭގައި ގެދޮރު ގަނެގެން ދިރިއުޅެވޭ ގޮތަށް ހިންގާ މި ޕްރޮގްރާމާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން އެބައޮތެވެ. ރާއްޖޭގައި އެ ޕްރޮގްރާމް ހިންގަނީ ލަންޑަނުގައި ބޭސްވެފައިވާ އިންވެސްޓްމަންޓު މައިގްރޭޝަނަށް ހާއްސަ ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ގުޅިގެންނެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ރެޒިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާކުރާނެ ކަމެއް، އެހެން ބާވަތެއްގެ ޓޫރިޒަމް ވިޔަފާރީގެ ފުރުސަތެއް،" ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މިއީ މިހާރުވެސް ދެމުން އަންނަ ކޯޕަރޭޓް ރެޒިޑެންސީ ވިސާ އިތުރަށް ފުޅާކުރުމަށް، ސެޕްޓެމްބަރު، 2024 ގައި ސަރުކާރުން ނިންމި ނިންމުމެއްގެ ދަށުން ފެށި މަސައްކަތެކެވެ.
ރެޒިޑެންސީ ވިސާ އިމިގްރޭޝަންގެ ގާނޫނުގައި ހިމެނީ އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އިމިގްރޭޝަން ގާނޫނަށް ގެނައި ބަދަލަކާ އެކު ނޮވެމްބަރު 25, 2020 ގަ އެވެ. އޭގެ ކުރިން އެ ވިސާ ދެމުންދިޔައީ ރާއްޖޭގައި މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓު ކުރާ މީހުންނަށެވެ.
އެމްޑީޕީ ސަރުކާރުގައި ގާނޫނަށް ގެނައި ބަދަލާއެކު، 250,000 ޑޮލަރު އިންވެސްޓު ކުރާ މީހުންނަށް މި ވިސާ ލިބޭނެ މަގު ފަހި ވެގެން ދިޔަ އެވެ. އަދި، ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 ޑޮލަރު ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ވެސް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދެވޭނެ ގޮތަށް ހެދިއެވެ.
ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރަން ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ބޭއްވި އިންވެސްޓާ ފޯރަމްގެ ތެރެއިންނެވެ.
އެއީ ރާއްޖޭގައި އިންވެސްޓްކޮށް ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅެވޭނެ ފުރުސަތު ދޭނެ ވިސާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ޝަމްހީދު ވަނީ ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އެ ގަރާރާ ގުޅޭ ބަހުސް ވެސް ވަނީ ފަށައިފައެވެ.
ގަރާރުގައި ބުނެފައިވާ ގޮތުން މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ތެރޭގައި އެކި އިދާރީ އަދި ގާނޫނީ ބާރުތަކެއް ލިބިގެންވާ 'ވަކި ދައުލަތެއް' އުފެދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.
"ރާއްޖޭގެ ފަޅުތަކާއި ރަށްތަކެއްގެ މައްޗަށް ބޭރުގެ އަމިއްލަ ކުންފުންޏަކަށް ޖީލަކަށް ވުރެ ދިގު މުއްދަތުގެ ބާރުވެރިކަން ދީ އެ ތަންތަނުގެ ދިރިއުޅުމުގެ ހައްގު ބައިނަލްއަގްވާމީ ބާޒާރުގައި ވިއްކުމަކީ ރައްޔިތުންގެ ނިންމުމާ ސީދާ ފުށުއަރާ ކަމެއް،" ގަރާރުގައިވެއެވެ.
މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ގަރާރުގައި ބައެއް ފިޔަވަޅުތައް އަޅަން އިލްތިމާސް ވެސް ކޮށްފައިވެ އެވެ. އެގޮތުން އިންވެސްޓްމެންޓް މެދުވެރިކޮށް ރެސިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން ޕާލް ރެސިޑެންސީ ޕްރޮގްރާމަށް ހުއްދަ ދިނުން ހުއްޓާލަން ގޮވާލާފައިވެއެވެ.




