"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި
"ބޮޑުބަދަލު" ގެ ހުށަހެޅުންތަކަށް ރައްޔިތުންގެ ހިޔާލު ބޭނުންވޭ - އެމްޑީޕީ
ހަސަން އިބްރާހީމް 7 އޯގަސްޓް 2026 (ހުކުރު)   19:20
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ގެންނެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ކެމްޕޭނުތެރޭގައި އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި "ބޮޑު ބަދަލު" އަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހު ކޮށްފިއެވެ.

ބޮޑު ބަދަލަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމުގެ ކުރިން އެމަނިކުފާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި ނިޒާމީ އިސްލާހުތަކެކެވެ.

ބޮޑު ބަދަލުގެ ގޮތުގައި މައިގަނޑު ފަސް ބަދަލެއް ފާހަގަ ކުރެވެއެވެ. އޭގެތެރޭގައި ހިމެނެނީ؛

  • ރައްޔިތުންގެ މަޖިލީހަށް ގެންނަ ބަދަލުތައް
  • އިގުތިސޯދީ ފުދުންތެރިކަން އިތުރުކުރުމަށް ހުށަހަޅާ ބަދަލުތައް
  • ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ ބަދަލުތައް
  • ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ހުށަހަޅާ ބަދަލު
  • ވެރިކަމުގެ ވައްޓަފާޅިއަށް ގެންނަން ހުށަހަޅާ ބަދަލު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ނަޝީދު ކުރެއްވި ކެމްޕޭނުގައި ޕާޓީގެ މެންބަރުންގެ ތާއީދު ހޯއްދެވުމަށް ހުށަހެޅުއްވީ އެ ބަދަލުތަކެވެ. އެ ބަދަލުތައް ރާއްޖެއަށް ގެނެވޭނީ އެމްޑީޕީ މެދުވެރިކޮށް ކަމަށް އޭރު ނަޝީދު ވިދާޅުވި އެވެ. އެ އިންތިހާބުގައި ނަޝީދު ކާމިޔާބު ކުރެއްވީ 69 ޕަސަންޓުގެ ވޯޓުންނެވެ.

މި ބަދަލުތައް ގެނައުމުގައި އާންމުންގެ ހިޔާލު ވަރަށްބޮޑަށް ބޭނުންވާތީ އެކަމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވީ، ބޮޑުބަދަލުގެ ހުށަހެޅުންތަކަށް ރައްޔިތުންގެ ހިޔާލު އިންތިހާއަށް ބޭނުންފުޅުވެލައްވާ ކަމަށެވެ.

އެހެންކަމުން މިއަދު އިފްތިތާހު ކުރި ބޮޑުބަދަލު ވެބްސައިޓް މެދުވެރިކޮށް އެމްޑީޕީގެ އެންމެހާ މެންބަރުން ވެސް އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ދިވެހި ރައްޔިތުން ވެސް އެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހިއްސާކުރެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބުވެވަޑައިގެން ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި ބޮޑު ބަދަލުގެ ނަމުގައި ހާއްސަ އޮފީހެއް ގާއިމުކުރުމަށް ހުށަހެޅުއްވި އެވެ. އަދި އެއަށްފަހު އެ ހުށަހެޅުއްވުން ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްވެފައި ވާއިރު، އެކަމަށް ހާއްސަ އޮފީހެއް މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ވަނީ ހުޅުވާފައެވެ.

މި އޮފީހުގެ ޑައިރެކްޓަރ ޖެނެރަލްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަލްއުސްތާޒު ހަސަން ލަތީފް އެވެ.

ބޮޑު ބަދަލު ވެބްސައިޓްގެ ލިންކް: www.bodubadhalu.org

ކޮމެންޓް