
ރައީސް ނަޝީދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ޕޯސްޓުކުރައްވާ މިފަދައިން ވިދާޅުވެފައި ވަނީ، ބާޒާރުގައި ތަކެތީގެ އަގުތައް ހުރިގޮތް (މުދަލުގެ އަގުތައް) އަންގައިދިނުމަށް ތައްޔާރުކޮށްފައިވާ އިންފޯގްރަފިކް ފޮޓޯއެއް ވެސް ހިއްސާކުރައްވަމުންނެވެ.
ޑޮލަރު މަދުވެ ތަކެތީގެ އަގު އުފުލެމުންދިއުމުގެ ކަންބޮޑުވުމާއެކު ރައީސް ނަޝީދު ހިއްސާކުރެއްވި ފޮޓޯއެގޮތުން އެ ފޮޓޯގެ އެންމެ މަތީގައިވާ ސުރުހީގައި "ބާޒާރުގައި ތަކެތީގެ އަގު އަތް ނުފޯރާފަށަށް މައްޗަށް" މިފަދައިން ލިޔެފައި ވާއިރު، އޭގެ ދަށުން ސަބްހެޑިން އަކަށް "އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އަގު އިންތިހާއަށް މައްޗަށް" މިފަދައިން ލިޔެފައި ވެއެވެ.
އެގޮތުން، ފޮޓޯއިން ފެންނަންހުރި މުހިންމު ތަކެއްޗާއި އޭގެ އަގުތަކުގެ ތަފްސީލު ތިރީގައި އެވަނީއެވެ:
ހުލާސާކޮށް ދަންނަވާ ނަމަ، ރައީސް ނަޝީދު ހިއްސާކުރައްވާފައިވާ މި ފޮޓޯއިން ދައްކުވައިދެނީ އާންމު ދިރިއުޅުމުގައި ކޮންމެދުވަހަކު ބޭނުންކުރާ އަސާސީ ތަކެއްޗާއި ތެލުގެ އަގުތައް ބާޒާރުގައި ހުރި މިންވަރުކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ވެސް، ރާއްޖޭގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ، އަސާސީ މުދަލުގެ އަގުތައް އާންމު ރައްޔިތުންނަށް ތަހައްމަލު ނުކުރެވޭ މިންވަރަށް އުފުލިފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވެސް ވިދާޅުވެފައެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މި މައުލޫގައި ވިދާޅުވީ، ރާއްޖޭގެ އިގުތިސާދުން ޑޮލަރު ހުސްވެ، އޭގެ އަގު އިންތިހާއަށް އުފުލިފައިވަނީ މި ސަރުކާރަށް ބޭރުގެ ހިލޭ އެހީ އާއި ދަރަނީގެ ގޮތުގައި ވެސް ބޭރު ފައިސާ ހޯދުމަށް ނުކުޅެދިފައިވާތީ ކަމަށާ، ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެން މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ދަރަނި ދެއްކުމަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހަރަދުކޮށްފައިވާ އިރު، މިހާރު ރާއްޖޭގައި އިތުރު ޑޮލަރެއް ނެތް ކަމަށެވެ.
ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ބާޒާރުގައި މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލުތައް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މިހާރު ބާސްމަތީ ހަނޑޫ 110 ރުފިޔާ، ކޮފީ ފުޅިއަކަށް 260 ރުފިޔާ އަދި ކައްކާ ތެޔޮ ލީޓަރަކަށް 35 ރުފިޔާ ޖެހޭ ކަމަށް ރޭ ވިދާޅުވެ، މުގު ކިލޯއެއްގެ އަގު 50 ރުފިޔާއަށް އަދި ކުކުޅު ބިހެއްގެ އަގު 2.50 އާއި 3 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މުދަލުގެ އަގު ބޮޑުވާ އަނެއް ސަބަބުގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރައްވާފައި ވަނީ، ރާއްޖޭގެ މައި ބަނދަރަށް އަންނަ މުދާ ނުބޭލިގެން ކޮންޓެއިނަރުތައް އަނބުރާ ސިންގަޕޫރާއި ކޮލަމްބޯއަށް ފޮނުވާލަން ޖެހުމުގެ ސަބަބު ކަމަށާ، އަދި އެކަމުގެ ސަބަބުން އިތުރުވާ ޑެމޮރޭޖާއި ފްރައިޓްގެ ހަރަދުތައް މުދަލުގެ އަގަށް އިތުރުވަމުންދާ ކަމަށް ވެސް ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.




