މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލުވުން
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހުގެ 19ގައި ބާއްވަން ނިންމައިފި
ހިޝާމް ހާރޫން 2 އޯގަސްޓް 2026 (އާދީއްތަ)   21:40
ރާއްޖޭގެ އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވާ ހޮނިހިރު ދުވަހު ބޭއްްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލުވުމުން މިގޮތަށް ފާސްކޮށްފައި ވަނީ މިރޭގެ ޖަލްސާ އަށް ވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން، 52 މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ.

ކޮންގްރެސް މި ތާރީހުގައި ބޭއްވުމަށް ހުށަހެޅުއްވީ، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވެ.

އެމްޑީޕީގެ ކޮންގްރެސްއަކީ މިއަހަރުގެ އެންމެ ޝައުގުވެރި ސިޔާސީ ހަރަކާތަށް ވާނެކަމަސް ސިޔާސީ މާހިރުން ބުނެއެވެ. އެ ކޮންގްރެސްގެ ތެރެއިން އެމްޑީޕީގެ އަސާސީ ގަވާއިދަށް ވެސް ބަދަލުތަކެއް ގެންނާނެކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ މަގުބޫލު ސިޔާސީ ޕާޓީ ކަމަށް ވާއިރު، އެމްޑީޕީން އެންމެ ފުރަތަމަ މި ކޮންގްރެސް ބޭއްވުމަށް ނިންމާފައި ވަނީ، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15 ގެ ކުރިން ބޭއްވުމަށެވެ. އެ ޕާޓީން އެގޮތަށް ނިންމާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 22 ވަނަ ބައްދަލުވުމުގައެވެ.

އެހެން ނަމަވެސް އެ ތާރީހު ބަދަލުކުރައްވައި ދެން ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފައި ވަނީ، މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހުއެވެ. އެ ނިންމުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 6 ވަނަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 25 ވަނަ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި، މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، އަހަރުގެ މެދުތެރޭގައި ކޮންގްރެސް ބޭއްވުމަށް ހުށަހެޅުއްވީ، ހޯރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަހުމަދު ސަލީމް އެވެ.

އަދި މި ހުށަހަޅުއްވުމަށް ތާއީދުކުރައްވާފައި ވަނީ، ތުޅާދޫ ދާއިރާގެ ރައީސް އަބުދުﷲ ސިރާޖު އާއި މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު އެވެ. މި ހުށަހެޅުން ފާސްވީ އެ ބައްދަލުވުމަށް ވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 45 މެމްބަރުންގެ ތާއީދާއި އެކުގަ އެެވެ.

އެމްޑީޕީ އިން އެންމެ ފަހުން ކޮންގްރެސްއެއް ބާއްވާފައި ވަނީ 2022 ވަނަ އަހަރު އެވެ.

ކޮމެންޓް