
އެމްޑީޕީން މިއަދު އެ ގަވާއިދު އާންމުކުރިއިރު، އެ ގަވާއިދުގައިވާ ގޮތުން ދާއިރާއެއްގެ ގޮތްޕެއްގައި މަދުވެގެން 50 މެންބަރުން ތިބެންޖެހެއެވެ. އަދި އޭގެ ތެރެއިން 70 ޕަސެންޓު މެންބަރުން ވާން ޖެހޭނީ އެ ދާއިރާގައި ރަޖިސްޓަރީ ވެފައިވާ މެންބަރުންނަށެވެ.
މި ބަދަލާ ގުޅޭގޮތުން ރޭ ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިހާރު އެ ޕާޓީގެ މަގުޗާޓް ކޮމިޓީގެ މުގައްރިރު ފައްޔާޒު އިސްމާއީލް ވާހަކަ ދެއްކެވި އެވެ. ފައްޔާޒު ވިދާޅުވީ މާލެ އާއި ދަފްތަރުގައި ނެތް އެތައް ހާސް މީހުންނެއް އެތައް އަހަރެއް ވަންދެން މާލޭގައި ދިރިއުޅެމުންދާ ކަމަށެވެ. މާލެ ގޮތަށް ބައެއް ދާއިރާތަކުން ވެސް އެ ގޮތަށް ފާހަގަކުރެވޭތީ ދާއިރާ ގޮފި އުފައްދާ އުސޫލަށް މި ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ވީހާ ވެސް ގިނަ މީހުން ބައިވެރިކުރުމަށް. ހާއްސަކޮށް މާލޭގައި އެބައުޅޭ މާލެ އާއި ދަފްތަރު ނޫން މުޅި އުމުރު މާލޭގައި އުޅޭ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން. އެ މީހުންނަށް ވެސް މާލޭގެ ގޮތްޕެއްގައި ބައިވެރިވެ، މާލޭގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތެއް އޮންނަން އެބަޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.
މަގުޗާޓު ކޮމިޓީން ތައްޔާރުކުރި ގޮތަށް ގޮފި ގަވާއިދެއް ހެދުމަށް ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. ރޭ ގައުމީ މަޖިލީހަށް ހާޒިރުވެ ތިބީ 63 މެންބަރުންނެވެ.
"ގޮފި ގަވާއިދު" ގެ ނަމުގައި އާންމުކުރި ގަވާއިދުގައިވާ އަނެއް ބަދަލަކީ އެމްޑީޕީގެ ޓިކެޓުގައި މަގާމުތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުން ފަދަ ވަގުތީ ކަންކަމަށްވެސް ގޮފި ހެދޭ ގޮތަށް އޮތުމެވެ.
އެ ޕާޓީގެ ފަލްސަފާ އާއި އާއްމު އުސޫލާ ހިލާފު ނުވާ ގޮތަށް ވަކި ފިކުރެއް ކުރިއަރުވަން ވެސް އާ ގަވާއިދުގެ ދަށުން ގޮފި ހެދޭނެ އެވެ. "ފިކުރީ ގޮފި" ގެ ގޮތުގައި އުފައްދާ އެ ގޮފިތައް ހެދޭނީ މަދުވެގެން 100 މެންބަރުން ހަމަކޮށްގެންނެވެ.
އެ ގަވާއިދުގައިވާ ގޮތުން ގޮތްޕެއް އުފައްދަން އެ ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް ހުށަހެޅިދާނެ އެވެ. ގޮތްޕަށް ކިޔާނެ ނަމަކާ އެކު، ގޮފި އުފައްދަން ހުށަހެޅުމުން، މެންބަރުން ހަމަކުރަން އެމްޑީޕީގެ ސެކްރެޓޭރިއަޓުން ދޭނީ 30 ދުވަހުގެ މުހުލަތެކެވެ.
ގޮފި ރަޖިސްޓަރީކުރާ ފަހުން ވެސް މެންބަރުންގެ އަދަދު މަދުވެ، އެ ގޮތުގައި 30 ދުވަސް ވެއްޖެނަމަ ގޮފި އުވޭނެއެވެ.
އެމްޑީޕީގެ ގޮފިތައް އުފައްދަން ވަކި ގަވާއިދެއް ހެދި މިއީ ފުރަތަމަ ފަހަރެވެ.




