ޝަޒުހަތު ލަތީފު - ފޮޓޯ: ފިނޭންސް މިނިސްޓްރީ
އެގްރޯނެޓްގެ ބޯޑަށް ޝަޒުހަތު ލަތީފު
މަރްޔަމް މުހައްމަދު 2 އޯގަސްޓް 2026 (އާދީއްތަ)   22:23
އެގްރޯނެޓް (އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް) ގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަންކޮށްފިއެވެ.

ޕީސީބީ (ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު) އިން ހާމަކޮށްފައިވާ ގޮތުގައި، ޝަޒުހަތު އެ ބޯޑަށް އައްޔަންކުރީ އެކައުންޓިންގ އެންޑް ފިނޭންސް މެންބަރުކަމުގެ މަގާމަށެވެ.

މި ވަގުތު އެގްރޯނެޓުގައި މެނޭޖިން ޑިރެކްޓަރުގެ މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމު ހުސްވެފައި ވަނީ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

އެގްރޯނެޓަށް އައްޔަންކުރުމާ ހަމައަށް 2017 ވަނަ އަހަރުން ފެށިގެން ޝަޒްހަތު މަސައްކަތްކުރައްވަމުން ގެންދެވީ ފިނޭންސް މިނިސްޓްރީގެ ބަޖެޓު އެނަލިސްޓެއްގެ ގޮތުގައި ކަމަށްވާއިރު، އޭނާގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ހަރަދުތައް ދިރާސާކުރުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުންފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން، "ބަޖެޓް ސްޓެޓިސްޓިކްސް ބުކް" އަދި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް" ފަދަ މުހިންމު ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ސަރުކާރުގެ އިދާރާތަކަށް ބަޖެޓާ ގުޅޭ އިރުޝާދު ދެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރައްވަ އެވެ.

ޝަޒްހަތު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާއިން މާލީ ދާއިރާއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައިފައި ކަމަށްވާއިރު، ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިން އާއި މާލީ ދާއިރާއިން ބެޗެލާ އޮފް އާޓްސް ވިތު އޮނާސް ވެސް އޭނާ ވަނީ ފުރިހަމަކުރައްވައިފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް