ސަޙަރު ވަޙީދު އާއި، މުޙައްމަދު މިހާދު
މިހާދާއި ސަޙަރު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފި
ހިޝާމް ހާރޫން 1 އޮކްޓޯބަރ 2026 (ބުރާސްފަތި)   12:12
އެމްއޭސީއެލް (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ތިއްބެވި، އެމްއޭސީއެލްގެ ނޮން-އެގްޒެކްޓިވް ޑިރެކްޓަރު، މ. ވެލާލުގެ، ސަޙަރު ވަޙީދު އާއި، އެގްޒެކްޓިވް ޑިރެކްޓަރު، ހ. ފިނޮޅު، މުޙައްމަދު މިހާދު އެ ކުންފުނީގެ ބޯޑުން ވަކިކޮށްފިއެވެ.

ޕީސީބީ (ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު) އިން މިކަމުގެ މައުލޫމާތު ހިއްސާކޮށް ބުނެފައިވަނީ، އެ ދެ ބޭފުޅުން ވެސް އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ދެ ބޭފުޅުން ބޯޑުން ވަކިކުރި ސީދާ ސަބަބު ޕީސީބީން ވަނީ ހާމަނުކޮށެވެ.

ކުންފުނީގެ ސީސީއޯ (ޗީފް ކޮމާޝަލް އޮފިސަރ) ގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި މުޙައްމަދު މިހާދު އެމްއޭސީއެލްގެ ބޯޑަށް އައްޔަންކުރީ 26 އެޕްރީލް 2025 ގައެވެ. މީގެކުރިން އެސްޓީއޯގެ ސީއެފްއޯގެ މަގާމާއި، އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ އިތުރުން މިފްކޯ އަދި އެމްއެސްއެސްގެ ބޯޑު މެންބަރުކަން ވެސް މިހާދު ކުރެއްވިއެވެ. އަދި އެފްއެސްއެމްގެ ޗެއާމަންކަމާއި ކޭޕީއެމްޖީ މޯލްޑިވްސްގެ ޕާޓްނަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރައްވާފައި ވާއިރު، މާލީ އަދި ހިންގުމުގެ ދާއިރާގައި ގިނަ ތަޖުރިބާތައް ލިބިވަޑައިގެން ހުންނެވި މިހާދު އަކީ ޔޫކޭގެ ސީމާ ޗާޓަޑް މެނޭޖްމަންޓް އެކައުންޓެންޓެއް ކަން ވެސް ފާހަގަކޮށްލެވެއެވެ.

ދެން ބޯޑުން ވަކިކުރެއްވި ސަޙަރު ވަޙީދަކީ 24 ޑިސެމްބަރު 2023 ގައި އެމްއޭސީއެލްގެ ބޯޑަށް އައްޔަންކުރެވުނު ބޭފުޅެއް ކަމަށްވާއިރު، އޭނާ ވަނީ އިނގިރޭސިވިލާތުގެ އެލްއެސްއީ (ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް) އިން އިކޮނޮމިކްސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުން ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓަސް ހާސިލުކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ. މާލީ ދާއިރާގެ އިސް މަގާމުތަކުގައި 17 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ސަޙަރަކީ ޗާޓަޑް ބޭންކަރެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި އޭނާއަކީ، ރިސްކް މެނޭޖްމަންޓާއި ކޮމްޕްލަޔަންސް އަދި އޮޕަރޭޝަންސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވެސް ހޯއްދަވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް