އެގްރޯނެޓްގެ އެމްޑީ މުހައްމަދު ސިނާން، އާއި ޗެއާމަން މުހައްމަދު އަނަސް
އެގްރޯނެޓުގެ އެމްޑީކަމަށް ސިނާން، ޗެއާއަކަށް އަނަސް
ހަސަން އިބްރާހީމް 6 އޮކްޓޯބަރ 2026 (އަންގާރަ)   09:24
އެގްރޯނެޓް (އެގްރޯ ނޭޝަނަލް ކޯޕަރޭޝަން) އަކީ މިފްކޯ (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ) ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އައްޔަންކޮށްފިއެވެ.

މިކަމާގުޅޭ މައުލޫމާތު ހިއްސާކޮށް މިފްކޯއިން ބުނެފައި ވަނީ، އެ ކުންފުނީގެ ބޯޑަށް އާ ލީޑާޝިޕެއް އައްޔަންކޮށްފައިވަނީ ސަރުކާރުގެ ނިންމެވުމާ އެއްގޮތަށް އެގްރޯނެޓް ހިންގުން މިފްކޯގެ ދަށަށް ބަދަލުކުރުމާ ގުޅިގެން ކަމަށެވެ.

އެގޮތުން އެގްރޯނެޓުގެ ޗެއާމަންގެ މަގާމަށް ސީއީއޯ (މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު) މުހައްމަދު އަނަސް އައްޔަންކޮށްފައިވާއިރު، މުހައްމަދު ސިނާން ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައެވެ.

އެގްރޯނެޓުގެ އައު ލީޑާޝިޕަށް މިފްކޯއިން މަރުހަބާ ކިޔާފައި ވާއިރު، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތަކާއި ކުރިއެރުން ހޯދައިދިނުމަށް ގާތުން މަސައްކަތްކޮށް އެ ކުންފުނީގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް މަސައްކަތް ކުރާނެ ކަމަށާ، އައު ދައުރުގައި އަނަސް އަދި ސިނާނަށް ކާމިޔާބީއަށް އެދޭ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަންކޮށްފައި މިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ މައްސަލައިގައި، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެގެން މި އަހަރުގެ ތެރޭ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ގެއްލިފައިވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.

އޭރު ޕީއެންސީން ބުނީ، އާއިލާއާއެކު ވަގުތު ހޭދަކުރެއްވުމަށް ބޭނުންފުޅުވާތީ ސިނާން ޓިކެޓު ދޫކޮށްލެއްވީ ކަމަށެވެ. އެހެން ނަމަވެސް، އެ ޓިކެޓު ދޫކޮށްލެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާއަށް މިހާރު މިވަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން ދެއްވާފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް