
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކުރީގެ ނައިބުރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވީ އޯގަސްޓު 12-13 އަކީ އަނިޔާވެރި ޒަމާންވީ ވެރިކަމެއް ބަދަލުކުރެވިދާނެކަން ދިވެހިރައްޔިތުންނަށް ހާމަކޮށްދިން ތާރީހު ކަމަށެވެ.
އެގޮތުން މި އަހަރުގެ އޯގަސްޓު 12-13 އާ ކުރިމަތިލާއިރު، މިހާރު މި އޮތް ވެރިކަން ބަދަލުކުރުމުގެ ހާލަތު ޖެހިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި އެމްޑީޕީގެ ހަރަކާތްތައް އިތުރުކުރަން ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހާއްސަކޮށް [އޯގަސްޓު] 13 ވަނަ ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ އަލުން އަނބުރާ އަޅުގަނޑުމެން މިހާރު މި ރާއްޖެއަށް ދިމާވެފައި އޮތް ހާލަތު ބަދަލުކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމަށްޓަކައި މުޒާހަރާކުރާ ދުވަހެއްގެ ގޮތުގައި އަޅުގަނޑުމެން އާންމު މެންބަރުންނާއި ރާއްޖޭގެ ރައްޔިތުންނަށް މި އިއުލާނުކުރަނީ،" ޝިއްޕެ ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ސަރުކާރުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓު އުފުލިފަ އެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ނެރޭ އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް އިން ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި އެންމެ ބޮޑުވީ ގޭހާއި ތެލުންނެވެ. ކާބޯތަކެއްޗާއި ބެވެރޭޖާސް އާއި ރީތިވާ ސާމާނުގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.
އޯގަސްޓް 12-13 "ކަޅުހުކުރު" އަކީ ރައީސް މައުމޫނުގެ ސަރުކާރާ ދެކޮޅަށް 2004 ވަނަ އަހަރު ޖުމްހޫރީ މައިދާނުގައި ބޭއްވި ބޮޑު އެއްވުމެކެވެ. އެ އެއްވުން އަނިޔާވެރިގޮތަކަށް ރޫޅައިލާ ގިނަބަޔަކު ހައްޔަރުކުރިއެވެ. އެ ދުވަސް ފާހަގަ ކުރަން އޭގެ އެއް އަހަރު ފަހުން 2005 ވަނަ އަހަރު، ނަޝީދު އިސްވެ ހުންނަވާ ޖުމްހޫރީމައިދާނަށް އެއްވުމުންވެސް ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ.




