
ހުޅުމާލޭގައި ވޯޓުލާ ނިމިފައިވަނިކޮށް، ވޯޓުލާ މަރުކަޒެއްގައި ހަމަނުޖެހުން ހިންގާ މަންޒަރުފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެތަނަށް އެއްވެ ތިބި ބައެއްގެ ދެމެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގާ އަތްލައި ބޮޑެތި މާރާމާރީ ހިންގާފައި ވެއެވެ.
ވީޑިއޯތަކުން ފެންނަގޮތުން، ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ސްކޫލްގައި ހިންގާފައި މި މާރާމާރީ އާއި ހަމަނުޖެހުމުގެ ތެރޭގައި އެކަކު އަނެކަކާ ދިމާޔަށް ގޮނޑިތައް އުކާ މަންޒަރު ވެސް ފެންނައިރު، އެ ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި ދެ ފުލުހަކު ހަމަނުޖެހުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަން ވެސް ވީޑިއޯތަކުން ފާހަގަކޮށްލެވެއެވެ.
ނަމަވެސް، މަސްލަހަތު ކޮންޓްރޯލް ނުވެ ގިނަ އިރުތަކެއް ވަންދެން ހަމަނުޖެހުން ކުރިއަށް ގޮސްފައިވާއިރު އެ މަރުކަޒުގައި ހުރި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަންވެސް ފާހަގަކުރެވެ އެވެ. އެގޮތުން އެތަނުގައި ހުރި ގޮނޑިތަކާއި އެހެނިހެން ތަކެތި އުކައި، މުދަލަށް ގެއްލުންދޭ މަންޒަރު ވީޑިއޯތަކުން ސާފުކޮށް ފެނެއެވެ.
އަދި ބައެއްފަހަރު އެތަނުގައި ތިބި ފުލުހުންނާ ކުރިމަތިލާ މަންޒަރު ވެސް ވީޑިއޯތަކުން ފެންނަކަން ފާހަގަކުރެވެއެވެ.
މިކާމާގުޅިގެން ފުލުހުން މިރޭ ބުނީ، ސިޔާސީ ޕާޓީ އެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓް ގުނުން ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، މިރޭ 21:15 އެހައިކަންހާއިރު އެތަނަށް ބަޔަކު ވަދެފައިވާ ކަމަށެވެ. އަދި ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ވެސް އަންނަ ކަމަށެވެ.
މި ހަމަނުޖެހުން މިރޭ ހިނގާފައިވާއިރު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ގދ.ތިނަދޫ ސިޓީގައި ވެސް މިއަދު ވަނީ ހަމަނުޖެހުންތަކެއް ހިންގާ މާރާމާރީ ވެސް ހިންގާފައި ކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
އަދި މިކަމާގުޅޭ ވީޑިއޯތަކެއް ވެސް މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުން ގޮސްފައިވާއިރު، އެ ވީޑިއޯތަކުން ވެސް ފެންނަނީ ތިނަދޫގައި ވޯޓުލުން ކުރިއަށްގެންދިޔަ މަރުކަޒުތެރެއަށް ބަޔަކު ވަދެގަނެ، އެތަނުގައި ތިބި އޮފިސަރުންނާ ހުތުރު ބަސްތަކުން މުހާތަބުކުރަމުންދާ މަންޒަރާއި އެކެއް އަނެކެއްގެ ގައިގައި ހިފައިގަނެ މާރާމާރީ ހިންގާ މަންޒަރުތައް ކަން ފާހަގަކޮށްލެވެއެވެ.
މިކަމާގުޅޭ ބަހެއް ފުލުހުންގެ ފަރާތުން ލިބިފައި ނުވި ނަމަވެސް، މިއަދު ހަވީރު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ، އިންތިހާބުގެ ކަންކަން މުޅި ރާއްޖޭގައިވެސް ކުރިއަށްދަނީ ވަރަށް އަމާންކޮށް އޮމާންކޮށް އަދި ސުލުހަވެރިކަމާއެކު ކަމަށެވެ.
ދެހާހަށްވުރެ ގިނަ މީހުން އެ ޕާޓީގެ އެކި މަގާމުތަކަށް ހޮވުމަށް ބާއްވާ ޕީއެންސީގެ އެތެރޭގެ މި އިންތިހާބުގައި މިއަދު ހިންގާފައިވާ ހަމަނުޖެހުންތަކާއި މާރާމާރީ ތަކާމެދު ފާޑުކިޔާ ފަރާތްތަކުން ސޯޝަލްމީޑިއާގައި ބުނެފައިވާ ގޮތުގައި މިއަދު ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން ފެނިގެންދިޔަ އެ މަންޒަރުތަކަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ތެރެއިން ފެނިގެންވާނެ ފަދަ ކަންތައްތަކެއް ނޫންކަމަށާ، އަދި އެއީ ޑިމޮކްރަސީގެ ރީތި އުސޫލުތަކާ ވަރަށް ބީރައްޓެހި ކަންކަން ކަމަށެވެ.




