ޕީއެންސީގެ ރައީސް އަދި ލީޑަރު ޑރ.މުހައްމަދު މުއިއްޒު.-- ފޮޓޯ: ޕީއެންސީ
އަތް އުފުލައިގެން ވޯޓުދެނީ އަސާސީ ގަވާއިދުގައި އެހެން އޮތުމުން: ޕީއެންސީ
ހިޝާމް ހާރޫން 3 އޯގަސްޓް 2026 (ހޯމަ)   09:54
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި ވޯޓުލުމުގެ ކަންކަން އަތް އުފުލައިގެން ކުރިއަށްގެންދަނީ އެ ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން ތަރުތީބުކުރާނެ ގޮތާއި، ނިންމުންތައް ނިންމާނެ ގޮތްތައް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ގަވާއިދުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އެގޮތުން ޕާޓީގެ އަސާސީ ގަވާއިދުގެ ޗެޕްޓަރު ހަތެއްގެ 69 ވަނަ މާއްދާގެ (ހ) ގައި، މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށް ބުނެފައިވާކަން ޕީއެންސީން ފާހަގަކުރެއެވެ.

އަދި އެ މާއްދާގެ (ށ) ގައި ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނަގާނީ ހާމަ ވޯޓެއް ކަމަށް ބަޔާންކޮށްފައިވާތީ، ޕާޓީގެ ނައިބު ރައީސުން އިންތިޚާބުކުރުމަށް ހާމަ ވޯޓު ނެގުމަކީ އަސާސީ ގަވައިދާ އެއްގޮތަށް ކުރާ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.

ޕީއެންސީން އިތުރަށް ބުނެފައިވަނީ، އަތް އުފުލައިގެން ވޯޓުލާން ނިންމީ "ވިލެރެސް ކޮމިޓީ" އަކުން ކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

އަދި ޕާޓީގެ ހުރިހާ ކަމެއް ވެސް ހިނގަމުންދާނީ މިނިވަން، ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ދެފުށް ފެންނަ ގޮތަށް ކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ މެންބަރުންނަށް ދީފައެވެ.

ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ހަ ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެ ބޭފުޅުންނަކީ:    

  • ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
  • ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
  • ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު
  • ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
  • ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް


ޕީއެންސީގެ މި ނިންމުމާ ގުޅޭގޮތުން ބަޔާން ނެރެފައި މިވަނީ، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ސިއްރު ވޯޓު ނުނަގައި، ހާމަކޮށް ވޯޓު ނަގާތީ ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގައި ޕީއެންސީން ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ނައިބު ރައީސުން ހޮވަންޖެހޭނީ ސިއްރު ވޯޓަކުންނެވެ. އެހެންނަމަވެސް އޭގެ ފަހުން އަސާސީ ގަވާއިދަށް ބަދަލު ގެނެސްފައި ވީނަމަވެސް އެބަދަލު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި އަޕްޑޭޓް ކޮށްފައެއް ނުވެއެވެ.

ކޮމެންޓް