
އއ.އުކުޅަހުގައި ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ގައުމު އޮތީ ދަރުވާލާފައި ކަމަށާއި އެކަން ކުރި މީހުން ތިބީ ފުރަތަމަ ތިން މަސް ތެރޭ ރާއްޖެ ބަނގުރޫޓްވާނެ ކަމަށް ހިސާބު ޖަހައިގެން ކަމަށެވެ.
ނަމަވެސް ކުރީ ސަރުކާރުތަކުން ނެގި ބޮޑެތި ދަރަނިތައް ދައްކަވަމުން ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވަމުން ރާއްޖެ އަލުން ނަގައި ކޮޅަށް ޖެއްސެވީ ރައީސްގެ ހަރުދަނާ ލީޑާޝިޕްގެ ދަށުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެންވެ ރައީސް މުއިއްޒަށް ސެލިއުޓް ކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ތިން އަހަރަށް ދާން ދިޔައިރު ބަނގުރޫޓެއް ނުވޭ، މުސާރަ ބަރާބަރަށް ދެވޭ. ކާޑުގެ ބާވަތްތައް ބަރާބަރަށް ލިބޭ. ތެޔޮ ބަރާބަރަށް ލިބޭ. އަސާސީ ހުރިހާ ހިދުމަތްތައް ބަރާބަރަށް ލިބޭ. ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ހިނގަމުން އެބަދޭ. ދަރަނި އެބަ ދައްކާ. ލޯނެއް ނުނަގާ، ފައިސާ ޗާޕެއް ނުކުރޭ. އެހެންވީމަ ސެލިއުޓްކުރަން ޖެހެނީ ރައީސް މުއިއްޒަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެފަދަ ހުރިހާ ސަބަބަކަށްޓަކައި ރައީސް މުއިއްޒަށް 2028 ވަނަ އަހަރުގެ ވެރިކަން ދޭންޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވިނަމަވެސް ލޯނު ދައްކަނީ އިތުރަށް ލޯނު ނަގައިގެންނެވެ. ޕެންޝަން އޮފީސް މެދުވެރިކޮށް "ފައިސާ ޗާޕުކުރުމުގެ" މުއާމަލާތް ހިންގައިފި އެވެ. އެކަމާ ދެކޮޅު ހަދައި އެ އޮފީހުގެ އެންމެ އިސްވެރިން އިސްތިއުފާ ދެއްވި ކަމީ ހަގީގަތެކެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމެއްގައި އަނިޔާވެރިކަން އިސް ނުކުރައްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ ހަގީގަތްކަން މިއަދު ފެންނަނާނެ ކަމަށާއި މަގުތަކަކީ ރައްކާތެރިކަމާއި ހަމަޖެހުމާ އެކި ހިނގާބިނގާވެ އުޅެވޭނެ ތަންތަނަށް ވެފައިވާކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަން ހަޖަމު ނުވެގެން އެކި ފަހަރު އެކި ދޮގު ބޭރަށް ނެރެ އިދިކޮޅުން އެކި ވާހަކަތައް ފަތުރަމުންދާ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށްވެސް އަބްދުއްރަހީމް ރައްދު ދެއްވި އެވެ.
އަބްދުއްރަހީމް، ރައީސް މުއިއްޒަށް އެތައް ތައުރީފެއް ކުރައްވައި ވިދާޅުވީ 2028 ވަނަ އަހަރު ރިޔާސީ ދެ ވަނަ ދައުރެއް މުއިއްޒަށް ދޭންޖެހޭ ކަމަށެވެ.




