
އެ ޕާޓީން އިއްޔެވަނީ ކޮންގްރެސްގެ ސުންގަޑިތަކާއި، ކޮންގްރެސްކުރިއަށްދާނެ ގޮތުގެ ތާވަލެއް އާއްމުކޮށްފައެވެ. އެ ތާވަލުގައި ވާގޮތުން ސިޔާސަތުތައް ހުށަހެޅުމުގެ ފުރުސަތު 19 އޮގަސްޓުގެ 12:30ގެ ނިޔަލަށް އޮންނާނެއެވެ. އަދި އެމުއްދަތުގައި އަސާސީ ޤަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވެއެވެ. ސިޔާސަތުތަކާއި، އަސާސީ ގަވާއިދުގެ އިސްލާޙުތައް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމްތައް އެޕާޓީން ވަނީ ހަމަޖައްސާފައިވެއެވެ.
ހުށަހަޅާ ސިޔާސަތުތަކާއި، އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތައް މިމަހުގެ 31ވަނަ ދުވަހު އާއްމުކުރާނެއެވެ. އާޢްމުކުރާ ސިޔާސަތުތަކާއި އިސްލާހުތަކާއި މެދު ގޮތް ނިންމާނީ ކޮންގްރެސްގެ ތެރެއިންނެވެ. މީގެއިތުރުން ކޮންގްރެސްގައި ބައިވެރިވެވޭނެ ގޮފި ރަޖިސްޓަރކުރުމަށް މިމަހުގެ 12:30ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ޕާޓީގެ ގޮފިތައް އުސޫލާއި އެއްގޮތަށް ނިންމަންވާނެކަމަށް އެ ޕާޓީން ބުނެއެވެ.
ކޮންގްރެސްގެ ތާވަލުގައިވާ ގޮތުން 1 ސެޕްޓެމްބަރގެ 13:30ގެ ކުރިން ކޮންގްރެސްގައި ވޯޓުލެވޭނެ މީހުން އެނގޭނެހެން، ޑެލިގޭޓުންގެ ލިސްޓު އާއްމުކުރާނެ ކަމަށެވެ. އަދި 5 ސެޕްޓެމްބަރގައި ކޮންގްރެސްގެ ބައިވެރިން ރަޖިސްޓަރވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާނެއެވެ. ބައިވެރިން ރަޖިސްޓަރވުމަށް ދޭ މުއްދަތު ހަމަވާނީ 20 ސެޕްޓެމްބަރގެ 12:30އަށެވެ.
އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާ އެކަން އިޢުލާންކުރީ މިއޮގަސްޓު މަހުގެ 2 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލުވުމުގައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމްޑީޕީގެ ކޮންގްރެސް ބޭއްވޭނީ ކޮންމެ 5 އަހަރަކުން އެއް އަހަރުއެވެ. ނަމަވެސް ވަކި ޝަރުތުތަކެއްގެ މަތިން ކޮންގްރެސްގެ އާދަޔާ ޚިލާފު ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް ބޭއްވިދާނެއެވެ. މިފަދަ ކޮންގްރެސްއެއް ގައުމީ މަޖިލީހުން ފާސްކުރުމުން ބޭއްވޭނެއެވެ.
އެމްޑީޕީ އިން އެންމެ ފަހުން ކޮންގްރެސްއެއް ބާއްވާފައި ވަނީ 2022 ވަނަ އަހަރު އެވެ.




