މަސްޖިދުއް ސަލާމް. އެ މިސްކިތް މިއަދު ވަނީ ބަންދުކޮށްފައި.-- ފޮޓޯ: ސިޓީ ކައުންސިލް
އާ މިސްކިތް ބިނާކުރަން ވިލިމާލޭ މަސްޖިދުއް ސަލާމް ބަންދުކޮށްފި
މަރްޔަމް މުޙައްމަދު 4 އޯގަސްޓް 2026 (އަންގާރަ)   15:51
ވިލިމާލެ މަސްޖިދުއް ސަލާމް ހުރި ބިމުގައި އާ މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާތީ، އެ މިސްކިތް މިއަދުން ފެށިގެން ބަންދުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ މިސްކިތް ބަންދުކުރީ ރޭގެ ފަތިސް ނަމާދުން ފެށިގެން ކަމަށެވެ.

އަދި ސިޓީ ކައުންސިލުން ވަނީ އެކަން އާންމުކޮށް އިއުލާންވެސް ކޮށްފައެވެ.

އެ މިސްކިތް ހުރި ބިމުގައި، އަމިއްލަ ފަރާތެއް ކަމަށްވާ ފިޔަ ފައުންޑޭޝަންގެ ދީލަތި އެހީގައި އާ މިސްކިތެއް އަޅަން މިދިޔަ އަހަރު ވަނީ ހަވާލުކޮށްފައެވެ.

މިކަމުގެ އެއްބަސްވުމުގައި ފިޔަ ފައުންޑޭޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއިކުރީ 23 ނޮވެމްބަރު 2025 ދުވަހުރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވިލިމާލޭގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެއްބަސްވުމުގައި އެ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކްސްކޯ މެންބަރު މުޙައްމަދު ވިޝާމް އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.

ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 850 މީހުންނަށް ނަމާދުކުރެވޭ ގޮތަށް އިމާރާތްކުރާ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އޮފީސް ބައެއް ހިމެނޭނެއެވެ.

ކޮމެންޓް