ވިލިމާލެ ކުޑަކުދިންގެ ޕާކުގައި ހުރި ބޮޑު ގަހެއް ކަނޑާލާފައި.-- ފޮޓޯ: ސޯޝަލްމީޑިއާ
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކެނޑި ބަޔަކު ސިޓީ ކައުންސިލުން ހޯދަނީ
މަރްޔަމް މުޙައްމަދު 14 ޖުލައި 2026 (އަންގާރަ)   07:10
ވިލިމާލެ ކުޑަކުދިންގެ ޕާކުގައި ހުރި ބޮޑު ގަހެއް ކެނޑި ބަޔަކު ހޯދަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން އެހެން ބުނީ ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑާފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއެކު އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ.

މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ޓެގްކޮށް އެމީހާ ކުރި ޕޯސްޓްގައި ބުނެފައިވަނީ، ވިލިމާލޭން ގަސް ނުކަނޑާނެ ކަމަށް 9 ޖުލައި 2026 ގައި ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށާއި ކުޑަކުދިންގެ ޕާކުގައިހުރި ހިޔާދޭ ބޮދު ގަސް އެއްކޮށް ކަނޑާލާފައި ވާކަމަށެވެ. އެކަމާ ޕީއެންސީގެ ކައުންސިލަރުން އަޅައި ނުލިޔަސް، މިކަން މިހިނގަނީ އެމްޑީޕީގެ މެޖޯރިޓީ އޮވެގެންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ސިޓީ ކައުންސިލުން ދައްކަނީ "ހުސް ވާހަކަ" ކަމަށް ބުނެ އޭނާ ކޮށްފައިވާ ޕޯސްޓަށް ރިޕްލައިކޮށް ކައުންސިލްގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ގަސް ކެނޑީ މާލެ ސިޓީ ކައުންސިލުން ނޫން ކަމަށެވެ. އަދި ގަސް ކެނޑިބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ސިޓީ ކައުންސިލްގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

ސޯޝަލްމީޑިއާގައި އާންމުވެފައިހުރި ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެގަހުގެ ވަރަށް ބޮޑުބައެއް ވަނީ ކަނޑާލާފަ އެވެ. އެ ގަސް ކެނޑުމުގައި ބައިވެރިވީ ވެމްކޯގެ ޔުނިފޯމްގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނެވެ.

ކޮމެންޓް