މުހައްމަދު އާތިފް، އަލީ ޒާފިރު އަދި މަރްޔަމް ނީނާ.-
އެލްޖީއޭގެ ބޯޑަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކައުންސިލަރުން ހޮވައިފި
މަރްޔަމް މުޙައްމަދު 16 ޖުލައި 2026 (ބުރާސްފަތި)   14:27
އެލްޖީއޭ (ލޯކަލް ގަވަމަންޓް އޮތޯރިޓީ) ގެ ބޯޑަށް އިދިކޮޅު އެންމެބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީން ވާދަކުރާ ކައުންސިލަރުންނާއި ޑަބްލިޔުޑީސީ (އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ) ގެ ރައީސް ހޮވައިފި އެވެ.

އެމްޑީޕީން ހާމަކުރި ގޮތުގައި އެލްޖީއޭގެ ބޯޑަށް މެންބަރަކު އިންތިހާބުކުރަން ބާއްވާ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ނ.މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އަދި ލ.ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ އެވެ. 

މި ބޭފުޅުންގެތެރެއިން ސިޓީ ކައުންސިލުގެ ރައީސުންގެ މެދުގައި އެމްޑީޕީން ބޭއްވި އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު އާތިފް އެކަނި ކުރިމަތިލެއްވުމުން އާތިފް އަށް އިންތިހާބަކާ ނުލައި އެލްޖީއޭގެ ބޯޑަށް އެމްޑީޕީން ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިފައިވެއެވެ. އާތިފް ފުރުއްވަމުން އެ ގެންދަވަނީ، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ ދެވަނަ ދައުރެވެ.

އެމްޑީޕީގެ ކައުންސިލް ރައީސުންގެ މެދުގައި ބޭއްވި ޕްރައިމަރީ މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު ކާމިޔާބުކުރެއްވީ އިތުރު ތިން ކައުންސިލެއްގެ ރައީސުންނާއި ވާދަކޮށްގެންނެވެ.

އެގޮތުން އަލީ ޒާފިރު ވާދަކުރައްވާފައި ވަނީ، ރ. ރަސްގެތީމު ކައުންސިލްގެ ރައީސް ހަސަން ރަޝާދު އާއި ބ. ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު އަފްރާހް އަދި ލ. ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރާ ވާދަކުރައްވައިގެންނެވެ. އަލީ ޒާފިރަކީ ކުރިން ނ.އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. 

އެމްޑީޕީން ޑަބްލިއުޑީސީގެ ރައީސުންގެ މެދުގައި ބޭއްވި ޕްރައިމަރީ ލ. ގަމު ޑަބްލިއުޑީސީގެ ރައީސް ކާމިޔާބުކުރެއްވީ އިތުރު ހަތަރު ޑަބްލިއުޑީސީގެ ރައީސުންނާ ވާދަކޮށްގެންނެވެ.

އެގޮތުން ލ. ގަމު ޑަބްލިއުޑީސީގެ ރައީސް ވާދަކުރައްވާ ކުރި ހޯއްދެވީ ރ. ދުވާފަރު ޑަބްލިއުޑީސީގެ ރައީސް އާއި ފުވައްމުލައް ސިޓީގެ ޑަބްލިއުޑީސީގެ ރައީސް އާއި މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސް އަދި ގއ. ކޮނޑޭގެ ޑަބްލިއުޑީސީގެ ރައީސްއާ ވާދަކުރައްވައިގެންނެވެ. 

ނީނާ އަކީ އެމްޑީޕީ ކައުންސިލަރސް އެސެމްބްލީގެ ނައިބު ރައީސާގެ އިތުރުން އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ލާމު އަތޮޅު ތަމްސީލު ކުރާ މެންބަރު ވެސް މެއެވެ. 

މިއަދު މެންދުރު 12:00 ޖެހުމާ ހަމައަށް، އެލްޖީއޭގެ ބޯޑަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވާއިރު، އެ އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ އޯގަސްޓު މަހުގެ 8، ވަނަ ދުވަހު ހެނދުނު 10:00 އިން 16:00 އަށެވެ. 

ކައުންސިލްތަކަށް އިންތިހާބުވެފައި ތިބި މެންބަރުންގެ މެދުގައި ވޯޓުލައިގެން، މީހުން އިންތިހާބުކުރާ، މި އިންތިހާބުގެ ނަތީޖާ އިއުލާންކުރަން ހަމަޖެހިފައިވަނީ އޮގަސްޓް 11 ވަނަ ދުވަހު އެވެ. 

ކޮމެންޓް