
އެލްޖީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އާ ދައުރުގެ ސިޓީ ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މީހަކު އެ އިދާރާގެ ބޯޑަށް އިންތިޚާބުކުރުން އަންނަ އޮގަސްޓު މަހުގެ 8 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ.
އެލްޖީއޭއިން ބުނިގޮތުގައި، ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. ފޯމު ފޮނުވަން ޖެހެނީ އިންތިޚާބުތަކަށް ހާއްސަކުރެވިފައިވާ އީމެއިލް، [email protected] އަށެވެ. އީމެއިލްގެ ޒަރީއާއިން ފޯމު ހުށަހެޅުމަށް ދަތިވާ ފަރާތްތަކަށް ސީދާ އެ އޮތޯރިޓީއަށް ހާޒިރުވެގެން ވެސް ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް އެލްޖީއޭއިން ބުނެއެވެ.
އަދި ފޯމު ބަލައިގަތުމާ ގުޅޭގޮތުން ޖަވާބު ދޭނީ ވެސް އީމެއިލް މެދުވެރިކޮށް ކަމަށާއި، ސަބަބަކާހުރެ ފޯމު ބަލައިނުގަނެވޭނަމަ، ފޯމު ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި އެކަން އަންގައި، ފޯމު އިސްލާހުކޮށްފައި އަލުން ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމުގައި ވެސް އެ އޮތޯރިޓީން ބުނެއެވެ.
އިންތިޚާބުގެ ވޯޓު ނެގުން ކުރިއަށްދާނީ އޮގަސްޓް 8 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 11 ވާ އަންގާރަ ދުވަހުއެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ އެކުލެވިގެން ވަނީ 9 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެންބަރެއް ހިމެނެން ޖެހެއެވެ.
އޭގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ އެއް މެމްބަރަކު ވެސް ހިމެނެން ޖެހޭނެއެވެ.
އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ސީއީއޯއެކެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ކައުންސިލަރުން މަގާމުގެ ނާޖާއިޒް ފައިދާ ނަގާނަމަ ނުވަތަ މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ ނުވަތަ ގާނޫނުގައި ކުރުން މަނާ ކަމަށް ބުނެފައިވާ ކަމެއް ކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ހިމެނެއެވެ. ފިޔަވަޅުތަކުގެ ތެރޭގައި ކައުންސިލަރުން ވަކި މުއްދަތަކަށް މަގާމުން އެކަހެރި ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.




