
މިއަދު ބޭއްވި އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާއްމު ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) މިކަން ހުށަހަޅުއްވަމުން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި ރެޝިޑެންޝަލް ޓަވަރުތަކާއި ސްޓެލްކޯ ރެސިޑެންޝަލް ޓަވަރުތައް ހިމެނޭ ސަރަހައްދުގެ މަގުތައް ހެދިފައިނުވުމުގެ ސަބަބުން ވާރޭ ވެހޭ ދުވަސްވަރު އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި ކަމަށާ، އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަނީ އެތަކެއް ދަތިތަކަކާ ކުރިމަތިވަމުން ކަމަށެވެ.
އަދި މިއަދުގެ ސިޓީ ކައުންސިލް ޖަލްސާގައި، ވިއްސާރަ މޫސުމުގައި، ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި ރެޝިޑެންޝަލް ޓަވަރުތަކާއި ސްޓެލްކޯ ރެސިޑެންޝަލް ޓަވަރުތައް ހިމެނޭ ސަރަހައްދުގެ ހާލަތު ދައްކުވައިދޭ ވީޑިއޯއެއް، އެ އިދާރާގެ ސްކްރީނުގައި ޕްލޭކޮށް، މޭޔަރަށާއި ހުރިހާ ކައުންސިލަރުންނަށް ވެސް ޒާޔާ ވަނީ ދައްކުވައި ދެއްވާފައެވެ.
އެހެންކަމުން އެ ސަރަހައްދުގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތްތައް ފަށައި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް އެޗްޑީސީ އާއި އެފްޑީސީއަށް އެންގެވުމަށް، ސިޓީ ކައުންސިލުން ފާސްކޮށްދެއްވުމަށް ޒާޔާ މިއަދު ހުށަހެޅުއްވާފައި ވާއިރު، މިކަމަކީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ނުހަނު އުނދަގުލާއި ތަކުލީފް އުފުލަންޖެހިފައިވާ ކަމެއްކަމަށް އެ ރައްޔިތުން ބުނެއެވެ.
ވިއްސާރަ މޫސުމުގެ އިތުރުން ވެސް އެ ސަރަހައްދުގެ މަގުތަކުގެ ލޭންޑް ސްކޭޕިން ހަދާފައި ނުވުމުގެ ސަބަބުން، ހިރަފުހާއި އެސަރަހައްދުގައި މަސައްކަތްކުރާ ތަންތަނުން ބޭރުވާ އެކިކަހަލަ ކުނިބުނި ވަޔާއެކުގައި އަބަދުމެ ފެތުރެމުން އަންނަކަމަށް ވެސް އެ ސަރަހައްދުގެ ރައްޔިތުން ބުނެއެވެ.




