
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ، 2 މެއި 2024 ގައި، އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށާއި މަގުޗާޓު ކޮމިޓީގެ ބޭނުމަކީ އެ މަސައްކަތް ނިންމުން ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު އެކުލަވައިލެއްވި، 10 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސާފައިވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.
މިކޮމިޓީގެ މެންބަރުންނަކީ:
1. އަލްއުސްތާޛް ފައްޔާޟް އިސްމާއިލް (މުޤައްރިރު) - މއ. ބޯގަންވިލާ / މާލެ
2. އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ - ގ. އޮއިނާށި / މާލެ
3. އަލްއުސްތާޛް އިމްތިޔާޒް ފަހްމީ - މ. އަފްޒާ / މާލެ
4. އަބްދުﷲ ސާދިޤް - ކައުސަރު / ސ. ހިތަދޫ
5. އަލްއުސްތާޛް މައުރޫފް އަޙްމަދު - ނިއުލައިޓް / ލ. ކަލައިދޫ
6. އިބްރާހިމް ވަޙީދު - މ. ބަނަފްސާވިލާ / މާލެ
7. މުޙައްމަދު ރަޝީދު ޙުސައިން - މ. ޖަވާހިރުވާދީ / މާލެ
8. އަޙްމަދު އަބްދުﷲ - އޯޝަންވިލާ / ހއ. ތަކަންދޫ
9. އަލްއުސްތާޛް މަޙްފޫޒް ސައީދު - ވިކްޓަރީ / ގއ. ކޮލަމާފުށި
10. ޔާސިރު ޢަބްދުލްލަޠީފް - މިޒާޖް / ހދ. ކުޅުދުއްފުށި
މި މަގުޗާޓަކީ މިދިޔަ ރިޔާސީ އިންތިހާބުންނާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، އެ ޕާޓީގެ ހިންގުން ވަރުގަދަކުރުމަށާއި މެންބަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް، އޭރުގެ ޗެއާޕާސަން ފައްޔާޒު ފެއްޓެވި މަސައްކަތެކެވެ. އެ މަސައްކަތް ނުނިމެނީސް 23 ނޮވެމްބަރު 2025 ގައި ފައްޔާޒު އިސްތިއުފާ ދެއްވިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކެއް ހިމެނޭ މަގުޗާޓެއްގެ މަސައްކަތްކުރުމަށް ކޮމިޓީއެއް ނެގިއިރު، އަންނަ ސެޕްޓެމްބަރު މަހު އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ނަޝީދު ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.




