
ގާނޫނުއަސާސީއަށް 18 އަހަރު ފުރުން ފާހަގަކޮށް 'ސަންގު ޓީވީ' އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީ މިހާހިސާބަށް އައިސްފައިވަނީ ވަރަށް ގިނަބައެއްގެ ބުރަ މަސައްކަތުން ކަމަށާއި، މި ގާނޫނުއަސާސީގެ ސަބަބުން ވަރަށް ގިނަ ކަންކަން ހާސިލް ވެއްޖެ ކަމަށެވެ.
މިއަދު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގެ ކުރިން މިގޮތަށް މިނިވަންކަމާއެކު ވާހަކަ ދެއްކޭނެ ކަމަށްވެސް ގިނަބަޔަކު ގަބޫލުނުކުރާ ކަމަށާ، ގާނޫނުއަސާސީއާއެކު ރައްޔިތުންނަށް ގިނަ ހައްގުތަކެއް ކަށަވަރު ވުމުގެ އިތުރުން ގައުމަށްވެސް މުހިންމު ކުރިއެރުންތަކެއް ލިބިގެން ހިނގައްޖެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެހެންނަމަވެސް، ގާނޫނުއަސާސީން ލިބުނު ހައްގުތަކާއި ކުރިއެރުންތައް ވެރިއަކަށް އަންނަ މީހާއަށް މަޖިލިސް މެޖޯރިޓީ ލިބުމާއެކު ހަނިކޮށް، ގާނޫނުއަސާސީގެ މަފްހޫމުތައް ފަހަތައް ޖައްސާލައި ގޯސްކޮށްލުމުގެ ފުރުސަތު އެބައޮތްތޯ ފައްޔާޒް ވަނީ ސުވާލު އުފައްދާފައެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތޭ. ދަންނަވަން މިއުޅޭ ވާހައަކީ ގާނޫނުއަސާސީ ފަރުމާކުރިއިރުގައި، އޭރުގައި އެ ފަރުމާ ކުރީ ބޭފުޅުންގެ ވިސްނުމަށް އައިސްފައި ނެތީ މިކަހަކަ ހާލަތެއްގައި ވެރިކަމަށް އަންނަ މީހަކާއި އެމީހަކަށް ސުޕަރމެޖޯރިޓީއެއް ލިބިއްޖިއްޔާމު މީގެ ހުރިހާ މަފްހޫމުތަކެއް ފުނޑުފުނޑުވެގެން ގޮސްދާނެ ކަން." ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އިތުރުން ގާނޫނީ ވަކީލެއްގެ ގޮތުންވެސް މަސައްކަތްކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
މިއަދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ގާނޫނުއަސާސީން ލިބިދިން މިނިވަންކަމާއި ހައްގުތައް އިހު އޮތްގޮތަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާތީ ކަން ފާހަގަ ކުރައްވައި ފައްޔާޒު ވިދާޅުވީ މިހާރު އޮތްގޮތުން ހެޔޮ ވެރިއެއް ލިބިއްޖެއްޔާ ރަނގަޅުގޮތް ވެފައި، ނުބައި ވެރިއަކު އައިސްފިމަ ހަދާނެ ގޮތްވެސް ނޭގޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮތީ ޑިމޮކްރަސީއާ އެއްކޮޅު ފިކުރަކާއި ޑިމޮކްރަސީއާ ދެކޮޅު ފިކުރެކެވެ. ފައްޔާޒު ވިދާޅުވީ، ޑިމޮކްރަސީ ގަބޫލު ނުކުރާ ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުމެ ފެންނަނީ ރައްޔިތުންގެ ހައްގުތައް ހަނިކޮށް މިނިވަން މުއައްސަސާތައް އަޅުވެތިކުރާ މަންޒަރު ކަމަށާއި، މިއަދުވެސް ފެންނަމުންދަނީ އެ މަންޒަރު ކަމަށެވެ.
އެހެންކަމާއެކު، ވެރިއަކަށް އަންނަ މީހާ ބޭނުންގޮތަކަށް ގާނޫނުއަސާސީ އަނބުރާލިޔަ ނުދިނުމަށް ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ފައްޔާޒު ވިދާޅުވި އެވެ.




