ފައްޔާޒު އިސްމާއީލް
ސަރުކާރުން ކުރާ ކަމަކީ މުއިއްޒަށް ތާއީދުނުކުރާ މީހުން ވަޒީފާއިން ވަކިކުރުން: ފައްޔާޒު
ޖުނާން އަޙުމަދު 16 ޖުލައި 2026 (ބުރާސްފަތި)   09:52
ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދުނުކުރާ މީހުން ވަކިކުރުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާއިން މުވައްޒަފުން ވަކިކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައެއް މުވައްޒަފުންގެ މަގާމު އުވާލުމަށްފަހު، އެޗްޑީސީން ވަޒީފާއިން ވަކިކުރަމުން ދަނީ ވަޒީފާއާ ބެހޭ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ.

"އެޗްޑީސީގެ އެތައް މުވައްޒަފުންނެއް ކަނޑަމުންދަނީ ވަޒީފާއާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް. 24 ގަޑިއިރުގެ ނޯޓިސް ވެސް ނުދީ އެމްޑީޕީއަށް ތާއީދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަށް ވަނީ ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައި،" ކުރިން އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ތުހުމަތު ކުރެއްވި ގޮތުގައި، އެޗްޑީސީގެ ވަޒީފާއިން މުވައްޒަފުން ވަކިކުރަމުން ދަނީ ވެރިކަން ކުރާ ޕީއެންސީން ތައްޔާރުކުރި ލިސްޓަކަށް ބަލައިގެންނެވެ. އެގޮތުން، އެތައް އަހަރަކު އެ ކުންފުންޏަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް ވެސް ބެލުމެއް ނެތި، ވަޒީފާއިން ކަނޑާލުމަށްފަހު، ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ދެމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ސިޔާސީ ގޮތުން ޓާގެޓުކޮށް އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލުމަކީ ދެވޭ ބޮޑު އަނިޔާއެއް. ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ މުއިއްޒުއަށް ތާއީދުނުކުރާ މީހުން ވަކިކުރުން،" ފައްޔާޒު ވިދާޅުވިއެވެ. "މިކަމުގައި ބައިވެރިވާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ."

އެޗްޑީސީގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް ކަނޑާލަން ނިންމައި އީމެއިލް މެދުވެރިކޮށް އެކަން މުވައްޒަފުންނަށް އަންގަން ފެށީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެ ކުންފުނިން ނޯޓިސް ފޮނުވަމުންދާ މުވައްޒަފުންނަށް އަންގަމުން ދަނީ އަދާކުރަމުންދާ މަގާމު އުވާލާފައިވާ ކަމަށެވެ.

ކޮމެންޓް