
އެސްއޯއީ ތަކުން މުއައްޒަފުން މަދުކުރުމަށް އެދި ޕީސީބީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ 33 އިންސައްތަ މުއައްޒަފުން މަދުކުރަނީ ކުންފުނިތަކުގެ މުއައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.
އެހެންކަމުން ޕީސީބީން މިދިޔަ އެޕްރީލް 18 ގައި ނެރެފައިވާ އެ ސާކިއުލާއަކާ ހަވާލާދީ، މި ޖުލައި މަހުގެ 13، ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު އަންގާފައި ވާއިރު، އެ ފިޔަވަޅަކީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއް ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ޕީސީބީގެ އެ ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން މޮނިޓަ ކުރުމަށް ޕީސީބީން ނިންމާފައި ވާއިރު، އެ ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ފޮނުވަމަށް ވެސް ޕީސީބީން ވަނީ އެދިފައެވެ.
އެގޮތުގެ މަތިން، ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކުރަން މިހާރު ފަށާފައި ވާއިރު، ބައެއް ކުންފުނިތަކުން އެޑްވާސް މުސާރައާ އެކުގައި، މުއައްޒަފުން އަމިއްލައަށް ވަކިވުމަށް ހުޅުވާލިކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އަމިއްލައަށް ވަކިވުމުގެ އެ ފުރުސަތު ހޯދުމަށް ހުށަހެޅީ ނިސްބަތުން މަދު މުއައްޒަފުން ކަން ފާހަގަކޮށްލެވެއެވެ.
އެސްއޯއީތަކުން މިހާރު ވަޒީފާއިން ވަކިކުރާ މީހުންގެ ތެރޭގައި ގިނައީ އެމްޑީޕިއަށް ނިސްބަތްވާ މީހުންނާއި އެމްޑީޕީއަށް ތާއީދުކުރާ މީހުން ކަމަށްވާއިރު، މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެސްއޯއީތަކުން 14،000 އަށްވުރެ ގިނަ މުވައްޒަފުން ކަނޑާނެ ކަމަށާ، އޭގެ އަސަރު 50،000 މީހުންނަށް ކުރާނެކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 14،733 މުވައްޒަފުން ކަނޑާލަން މިހާރު ނިންމާފައިވާ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، މިހާ ގިނަ މުވައްޒަފުން އެސްއޯއީތަކުން އެއްފަހަރާ ކަނޑާލުމަކީ ކުޑަކަމެއް ނޫން ކަމަށާ، އެސްއޯއީތައް "ރޯންގް ސައިޒް" ވީ ގޮތެއްވެސް ޕީސީބީން ހޯދަން އެބަޖެހޭ ކަމަށެވެ. އަދި އެކަމުގައި އިހުމާލުވި މީހުންނާ ދޭތެރޭގައި ފިޔަވަޅުވެސް އަޅަން ޖެހޭ ކަމަށް ވިދާޅުވެ ފައްޔާޒް ވިދާޅުވީ، ކޮވިޑުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ވަޒީފާ ގެއްލުނު 22،000 އަށްވުރެން ގިނަ މުވައްޒަފުން ބަލަހައްޓައި، 419 މިލިއަން ރުފިޔާ އެކަމަށް ހިންގި ޕްރޮގްރާމަށް ހަރަދު ވެސް ކޮށްފައިވާނެ ކަމަށެވެ.
އަދި އެމްޑީޕީ ސަރުކާރުން އޭރު އެގޮތަށް އަމަލުކުރުމުގެ ސަބަބުން، އެތައް އާއިލާތަކެއް އަދި އެތައް ވިޔަފާރިއެއް ސަލާމަތްވެގެން ދިޔަކަމަށާ، ދުނިޔޭގެ އެހެންގައުމުތައް އަޑިގުޑަން ވަޅުގަނޑަކަށް ވެއްޓެމުން ދިޔަ ނަމަވެސް ރާއްޖެ އޮތީ އިގުތިސޯދީގޮތުން ހަމަޖެހުމެއްގައި ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.




