
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކޮށް ފައްޔާޒު ގެންދަވަނީ ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ "ބޮޑު ބަދަލަށް" ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ބޮޑުބަދަލުގެ ސިޔާސަތުތަކާ ގުޅޭގޮތުން ރޭ "އަސްލު ޓީވީ"ގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ހެޔޮ ހާލުގައި ހުރެއްޖެނަމަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި އެކަމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އަދި ގައުމުގެ ހާލަތަށް ރިޔާއަތްކޮށް، ގައުމަށާއި އަދި ޕާޓީއަށް އެންމެ ރަނގަޅު ގޮތް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެންމެ ކުރީގައި ހުންނަވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެފަދަ ހާލަތެއްގައި އެހެން ގޮތްތަކެއް ނިންމަން ޖެހިއްޖެނަމަ އެކަމަށް އެންމެ ފުރަތަމަ އެއްބާރުލުން ދޭނެ މީހަކަށް އޭނާ ވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
"އެހެން ނޫނިއްޔާމު އަޅުގަނޑު ހަމަ އިރާދަފުޅުކުރެވިއްޔާ މީގައި (އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި) ވާދަކޮށް، އިރާދަފުޅުކުރެއްވިއްޔާ ކާމިޔާބު ވެސް ކުރާނަން،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ ފައްޔާޒު އެކަންޏެވެ. އޭނާ އެވާހަކަ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިނަމަވެސް، އެމްޑީޕީ އަށް ނިސްބަތްވާ އެހެން ލީޑަރެއްގެ ފަރާތުން އެފަދަ ކަމެއް ސީދާ ހާމާއެއް ނުކުރައްވައެވެ.
އެހެންނަމަވެސް، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ތައްޔާރުވެވަޑައިގަންނަވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. ޝާހިދު ގެންދަވަނީ ސިލްސިލާ ގޮތެއްގައި އެކި ދާއިރާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަމުންނެވެ.
ޝާހިދުގެ އިތުރުން ކުރީގެ ނައިބްރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު ޑރ.އަހްމަދު ޝަމްހީދުވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.




