
އުނިމާ ގްރާންޑް ކޮންފަރެންސް ހޯލުގައި ރޭ ބޭއްވެވި މި ބައްދަލުވުމަށްފަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ސިޔާސީ މަސްރަހާއި ސިޔާސަތުތަކުގެ ސަބަބުން ނުކުންނަ ނަތީޖާތަކާއި، ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ޒުވާނުންނާއެކު ޚިޔާލު ބަދަލުކުރެއްވި ކަމަށެވެ.
"ޤައުމެއް ކުރިއަރައިދާނީ ޒުވާނުންގެ އަޑު އަހައިގެން،" ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ގައުމުގެ ޙާލަތު ބަދަލުކުރުމުގެ ވިސްނުމާއި ފިކުރު، އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަންކަން ކުރުމުގެ ހުނަރު ޒުވާނުންގެ ކިބައިގައި ހުންނަ ކަމަށާއި ރޭގެ މަޝްވަރާއިން ވެސް އެކަން އެނގިގެން ދިޔަކަމަށެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ހަރަކާތްތަކުން އާންމުގޮތެއްގައި ފެންނަ ޒުވާނުންނާއި ސިޔާސީ ކަންކަމުން އާންމުކޮށް ނުފެންނަ ޒުވާނުންވެސް ބައިވެރިކަން ފާހަގަކުރެވެއެވެ.
ޝާހިދު، މި ސިލްސިލާ ބައްދަލުވުންތައް ބާއްވަވަމުން މި ގެންދަވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް އެމަނިކުފާނު ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.




