ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ފިޔެސް 14 އޯގަސްޓް 2026 (ހުކުރު)   22:09
ދެހާސް އަށާވީސްވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ އިއުލާން ކުރައްވައިފި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިހާރު ކުރިއަށްދާ ޖަލްސާގައި ޝާހިދު ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ މިއޮތް ހާލަތު ބަދަލުކުރުމަށް، ދިވެހި އެންމެހާ ރައްޔިތުންނާ، އެމްޑީޕީގެ އާންމު މެންބަރުންނާއެކު، އެއް ޖޯޝެއްގައި، އެއް ރޫހެއްގައި، އިތުރު ހިތްވަރަކާއެކު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

"އެހެންކަމުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، އެމްޑީޕީއަށް ކާމިޔާބުކުރުމުގެ މަތިވެރި އަޒުމުގައި، މާތްﷲ ގެ ކިބަފުޅުން ވާގިއެދި ހުރެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އަޅުގަނޑު ނިންމާ، އެކަން އިޢުލާންކުރަން." ޝާހިދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވަމުން ވިދާޅުވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން ޕްރައިމަރީގައި ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ދެކެވަޑައިނުގަންނަވާތީ، މިއަދުން ފެށިގެން އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ޝާހިދު ވަނީ މިއަދުގެ ސަރުކާރުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުން ދަތިވެ، ގައުމުގެ ހާލަތު ދަށަށް ގޮސްފައިވާކަން ފާހަގަ ކުރައްވާފައެވެ. 

"އުންމީދުގެ ނޫރުތައް އަނދިރިވެއްޖެ. ސިޔާސީ ނޫން ވަޒީފާއެއް، ސިޔާސީ ނޫން ވިސްނުމެއް، ގައުމީ ތަރައްގީގެ މާރަހުން ފެންނާކަށް މިއަދަކު ނެތް. އާންމު ރައްޔިތެއްގެ ކޮންމެ ދުވަހެއްގެ ހެނދުނާއި، މެންދުރާއި، ހަވީރާއި، ރޭގަނޑު ނިމެނީ މާޔޫސްކަމާއި، ދިރިނޫޅެވި ދިރިތެޅުމުގަ. އާއިލީ ލޯބި، އާއިލީ ހަވީރެއް ލިބުނު ދުވަހެއް ހަނދާންހުރި ރައްޔިތަކު މިއަދަކު ނެތް. އެންމެ އުފާވެރި އާއިލާއާއެކު އުޅެލެވޭ ހުކުރުދުވަސްވެސް މިއަދު ގިނަ ރައްޔިތުން މިއޮތީ މުޅި ހަފްތާގެ ބުރަ މަސައްކަތާ، ދެ ވަޒީފާއިން ދެކޮޅު ޖެއްސޭނެ ގޮތެއް ނެތިގެން، އުޅެންޖެހޭ ހާލުން ދޮންނަ މެޝިނުގެ ދުވަހަށް. މިއީ ދެބަސްނުވެވޭނެ ހަގީގަތެއް." އަދުގެ ހާލަތު ސިފަކޮށްދެއްވަމުން ޝާހިދު ވިދާޅުވި އެވެ. 

ރައްޔިތުން އެދެނީ އެމީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން ކަމަށާއި ރާއްޖޭގެ ރައްޔިތުން އެދޭ ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްދިން ފަހުލަވާނުން ތިބީ އެމްޑީޕީގައިކަން ޝާހިދު ފާހަގަ ކުރެއްވި އެވެ. 

"އެމްޑީޕީގެ އާންމު މެމްބަރުން ހޯދި ކާމިޔާބީތައް މިއަދުވެސް އަޅުގަނޑު ހިތުގައި ޖަހާ ވިންދު ފަދައިން އިހުސާސްވަމުން މިތާ ހުންނައިރު އެބަދޭ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި ހުރި ޑިމޮކްރެޓިކް ކުޑަދޮރު ލައްޕާލުމަށް ގަދަފަދަ ބާރުތަކުން ކުރި މަސައްކަތްތަކަށް ހުރަސްއެޅީ އެމްޑީޕީގެ ހިތްވަރުގަދަ ފަހުލަވާނުން. ދިވެހި ރައްޔިތުންގެ ހިތްތަކުގައި ދިއްލުނު އުންމީދުގެ އަލިކޮޅު ނިއްވާލުމަށް ދިއްކުރި އަތްތަކަށް ހުރަސްއެޅީވެސް އެމްޑީޕީގެ ހިތްވަރުގަދަ ފަހުލަވާނުން. ދިވެހި ރައްޔިތުންގެ ހިތުގައިވާ އުންމީދުގެ ވާފަށް ކެނޑުނަނުދީ ހިފެހެއްޓީވެސް އެމްޑީޕީގެ ހިތްވަރުގަދަ ފަހުލަވާނުން." ޝާހިދު ވިދާޅުވިއެވެ. 


އާދެ، އަޅުގަނޑު މިއަދު މިހުރީ އެ ހިތްވަރުގަދަކަމާއެކު ތިޔަބޭފުޅުންގެ އަރިހުގައި ސާބިތުވެ އަޅުގަނޑު މިހުރީ. ދިވެހިރާއްޖެއަށް ހުދުމުހުތާރު ވެރިކަމެއް ދެން އަންނާނެ ގޮތެއް ނުހޯދަން، ލިބުނަ ނުދިނުމަށްޓަކާ ކުރަންޖެހުނު ކޮންމެ ގުރުބާނީއެއް ވުމުގައި އަޅުގަނޑު ދެމިހުންނާނަން. - އަބްދުﷲ ޝާހިދު


އައްޑު އަތޮޅަށް ޝާހިދު މިއަދު ފެއްޓެވި ދެ ދުވަހުގެ މި ދަތުރުގައި ހިތަދޫގައި ބާއްވާ ޖަލްސާގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ހުޅުދޫ މީދޫގައި ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

އަދި އައްޑޫ އެމްޑީޕީއަށް ނިސްބަތްވާ އެކި އެކި ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައި އެމަނިކުފާނަށް ތާއީދު އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ކޮމެންޓް