
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި އަދި އދ. އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ޝާހިދު، މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނެއް ނުކުރައްވަ އެވެ.
ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު ރަސްމީކޮށް އިއުލާން ނުކުރެއްވި ނަމަވެސް މިދިޔަ މަހުން ފެށިގެން އެކި ފަރާތްތަކާ އެކު ޝާހިދު ބާއްވަމުން ގެންދަވާ ބައްދަލުވުންތަކުގައި ޕްރިމަރީގައި ވާދަކުރައްވާނެކަން ދަނީ ވިދާޅުވަމުންނެވެ. އަދި މެންބަރުންގެ ތާއީދަށް ދަނީ އެދިވަޑައިގަންނަވަމުންނެވެ.
ޝާހިދު މާދަމާ އައްޑޫއަށް ފައްޓަވާ ދަތުރަކީ، ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވުމަށް ކުރައްވާ ދަތުރެއް ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި މާދަމާރޭ ހިތަދޫގައި ބާއްވާ ޖަލްސާއެއްގައި ޝާހިދު އެކަން ރަސްމީކޮށް އިއުލާނު ކުރައްވާނޭ ކަމުގެ މައުލޫމާތުވެސް ލިބިފައި ވެއެވެ.
ދެ ދުވަހުގެ މި ދަތުރުގައި ހިތަދޫގައި ބާއްވާ ޖަލްސާގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ހުޅުދޫ މީދޫގައި ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޝާހިދުގެ މިދަތުރުގައި، ދެ ޖަލްސާގެ އިތުރުން އައްޑޫ އެމްޑީޕީއަށް ނިސްބަތްވާ އެކި އެކި ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައި އެމަނިކުފާނަށް ތާއީދު އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މާދަމާ އައްޑޫއަށް ވަޑައިގަންނަވާނެކަން ރޭ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ އިއުލާން ކުރައްވާފަ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ޝާހިދު ވަނީ މާލޭގައި ދިރިއުޅޭ އައްޑޫގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އައްޑޫގެ ތަރައްގީއާ ގުޅޭގޮތުން އެބޭފުޅުންނާއެކު މަޝްވަރާ ކުރެއްވި އެވެ.
"އައްޑޫ ރައްޔިތުން އެދިތިބީ އެމްޑީޕީގެ ވެރިކަމަށް. އައްޑޫ ރައްޔިތުން ބޭނުމީ ތަރައްގީ. އެ ތަރައްގީ ގެނެސްދޭނީ އެމްޑީޕީ." އެ ބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރެއްވީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.
އެހެންނަމަވެސް، އެމްޑީޕީގެ ޕްރައިމަރީގައި ޝާހިދު ވާދަކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވާ ކަމުގެ އަޑުތައް ވަނީ މީގެ ދުވަސްތަކެއް ކުރިން ފެށިގެން ގަދަވެފައެވެ.
ޝާހިދުގެ އިތުރުން ކުރީގެ ނައިބްރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު ޑރ.އަހްމަދު ޝަމްހީދުވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.




