
މިކަމާގުޅިގެން މޭޔަރު ސައުދު މީޑިއާއަށް މައުލޫމާތު ދެއްވާފައި ވަނީ، ތިނަދޫ ޕޮލިސް ސްޓޭޝަނަށް އޭނާ ހާޒިރުކޮށްފައިވަނީ މިއަދު ހެނދުނު 10:00 ގައި ކަމަށާ، ފުލުހުން އޭނާއާ ސުވާލުކޮށްފައިވަނީ ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް މީހަކު ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމަށް ވާއިރު، އެ އިދާރާގައި ގާތްގަނޑަކަށް ދޮޅުގަޑިއިރެއްހާއިރު ހޭދަކުރެއްވިފައި ވާނެ ކަމަށެވެ.
އަދި އެއަށްފަހު، ދެން ހާޒިރުވާން ޖެހޭ ދުވަހެއް އެންގުމަކާ ނުލައި އޭނާ ދޫކޮށްލާފައިވާ ކަމަށާ، ގދ.ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ތިނަދޫގެ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ އަމިއްލަފަރާތަކުން ހުށަހެޅި މި މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން، ސަރުކާރަކުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭނީ ބަލަން ޖެހޭ ކަންކަން ބަލާފައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފުލުހުންގެ ގާތު ވިދާޅުވި ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންތެރޭގައި ކުރީގެ ރައީސް ސޯލިހު 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައި ގދ.ތިނަދޫ ވަނީ ސިޓީއަކަށް ހަދާފައެވެ. އޭގެ ފަހުން، އެކަން އެގޮތަށް ބޭއްވުމަށް މި ސަރުކާރުން ވެސް ވަނީ ނިންމައިފައި ކަން ފާހަގަކޮށްލެވެއެވެ.
ގދ.ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ 2024 ވަނަ އަހަރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީ (އެލްޖީއޭ) އަށް ވެސް ހުށަހަޅުއްވައިފައެވެ. މެންބަރު ސައުދުﷲ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ބުނަނީ އޮޅުވާލައިގެން ކަމަށެވެ.




