ރައީސް ނަޝީދާއި ރައީސް ޔާމީން، ތިނަދޫ ސިޓީ ކައުންސިލުން ރާވާފައިވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ.-- ފޮޓޯ: މުޙައްމަދު އަފްރާޙް (އަފްރާ) | ފިޔެސް
ތިނަދޫ ކައުންސިލްގެ ދައުވަތު ގަބޫލުކުރެއްވީ ނަޝީދާއި ޔާމީން
ފިޔެސް 11 އޯގަސްޓް 2026 (އަންގާރަ)   13:10
ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް ތިނަދޫ ސިޓީ ކައުންސިލްގެ ފަރާތުން ރާއްޖޭގެ ރައީސުންނަށް ދިން ދައުވަތު ގަބޫލުކުރެއްވީ ކުރީގެ ދެ ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން ކަމަށް އެ ކައުންސިލުން ހާމަކޮށްފި އެވެ.

'ތިނަދޫ އާބާދީ 60' ނަމުގައި އެ ސިޓީގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ހުރިހާ ރައީސުންގެ އިތުރުން މިހާރުގެ ރައީސް ޑރ.މުޙައްމަދު މުއިއްޒަށްވެސް ވެސް އެރުވި އެވެ.

ނަމަވެސް ރައީސް މުއިއްޒުގެ "މަސައްކަތް ހުރިގޮތުން ބައިވެރިވެވެން ނެތްކަމަށް" ވިދާޅުވެ ޖަވާބު ދެއްވާފައިވާ ކަމަށް ތިނަދޫ ކައުންސިލްގެ މޭޔަރު ސައުދު އަލީ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، ދައުވަތު އެރުވި ރައީސުންގެ ތެރެއިން ދައުވަތު ގަބޫލުކުރެއްވީ ރައީސް ނަޝީދު އާއި ރައީސް ޔާމީން އެކަނި ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ރަސްމީ ޖަލްސާގެ އެއް ދުވަސް ކުރިން، މި މަހު 21ގައި އެ ދެ ބޭފުޅުން ތިނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުވަތު އެރުވި ކުރީގެ އެހެން ރައީސުން ރަސްމިއްޔާތަށް ވަޑައިނުގަންނަވާ ސަބަބާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ދެކުނުގެ ތިން އަތޮޅު ގުޅިގެން 'ޔުނައިޓެޑް ސުވާދީވް ރިޕަބްލިކް' (އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ) އިއުލާން ކުރީ 3 ޖެނުއަރީ 1959 ގައެވެ. އެ ހަރަކާތް ކޮންޓްރޯލްކުރުމަށް އޭރުގެ ރައީސް އިބްރާހީމް ނާސިރުގެ ސަރުކާރުން އެ ތިން އަތޮޅުގައި ކުރިއަށްދިޔަ އެ ހަރަކާތް ހުއްޓުވަމަށް ގިނަ ކަންތައްތަކެއް ހިންގިއެވެ. އެހަރަކާތް އުވިގެން ދިޔައީ ނުވަތަ އުވައިލެވުނީ 23 ސެޕްޓެމްބަރު 1963 ގައެވެ.

އޭރުގެ ސަރުކާރުން ހިންގި ކަންކަމުގައި އެންމެ ބޮޑު އަނިޔާ އަކާއި ގެއްލުމެއް ލިބުނީ ގދ.ތިނަދޫ އަށާއި ތިނަދޫ ރައްޔިތުންނަށެވެ. ރައީސް ނާސިރުގެ އޯޑަރަށް ތިނަދޫއިން މީހުން ބާލުވައި ރަށް ފަޅުކުރީ 4 ފެބްރުއަރީ 1962 ގައެވެ. ނަމަވެސް، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ތިނަދޫ އަލުން ހަމަޖައްސައި މީހުން ބަދަލުވާން ފެށީ އޭގެ ހަތަރު އަހަރު ފަހުން، 22 އޮގަސްޓު 1966 ގައެވެ.

އެ ދުވަހަށް 50 އަހަރު ފުރުން ފާހަގަކުރަން 2016 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތަށް، އޭރުގެ ރައީސް ޔާމީން ތިނަދޫއަށް ވަޑައިގެންނެވި އެވެ.

ތިނަދޫގައި މީހުން އާބާދުވިތާ 60 އަހަރު މިއަހަރުގެ އޮގަސްޓް 22 އަށް ފުރޭއިރު އެ ދުވަސް ފާހަގަ ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

ކޮމެންޓް