ބިންތައް އަތުލާ ބިލް ބޭރުކުރުމަށް ގޮވާލާ މަޖިލިސް ދޮށުގައި މިއަދު ކުރިއަށް ދިޔަ އިހުތިޖާޖުގެ ތެރެއިން - ފޮޓޯ: ފިޔެސް
ބިންތައް އަތުލާ ބިލް ބޭރުކުރުމަށް ގޮވާލާ މާލެސިޓީގެ ކައުންސިލަރުން އިހުތިޖާޖު ކޮށްފި
އެމްޑީޕީގެ އިސް ބައެއްބޭފުޅުންނާއެކުގައި ކުރިއަށްދިޔަ މި އިހުތިޖާޖުގައި އެމްޑީޕީގެ ޗެއާޕާސަން، ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި
ހިޝާމް ހާރޫން 11 އޯގަސްޓް 2026 (އަންގާރަ)   14:06
ކައުންސިލްތަކުގެ މިލްކިއްޔާތުގައިވާ ބިންތަކާއި ތަންތަން ވަޒީރުންގެ މަޖިލީހަށް އަތުލުމުގެ ބާރު ދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލު ބޭރުކުރުމަށް ގޮވާލާ މާލެސިޓީގެ މޭޔަރާއި ކައުންސިލަރުން އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މަޖިލީސްދޮށަށް ވަޑައިގެން އިހުތިޖާޖުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭދޮށުގައި މި އިހުތިޖާޖުކޮށްފައި ވަނީ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި އެ ބިލުގެ ދިރާސާ މިއަދު ކުރިއަށް ގެންދާތީ އަޑުއުފުލުމުގެ ގޮތުން ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.

އަދި މި އިހުތިޖާޖު ކުރުމުގެ އިތުރުން ވެސް، މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އިން އެ ބިލުގެ ދިރާސާ ކުރިއަށްގެންދާގޮތް އަޑު އެއްސެވުމަށް މާލެސިޓީގެ މޭޔަރާއި މާލެސިޓީގެ އެމްޑީޕީ ކައުންސިލަރުން އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މިއަދު ވަނީ މަޖިލީހަށް ވަދެވަޑައިގެންފައެވެ.

އެއަށްފަހު އެ ބޭފުޅުން، ބިންތައް އަތުލާ ބިލް ބޭރުކުރުމަށް ގޮވާލާ މަޖިލިސް ކުރާ ގޭދޮށުގައި އިހުތިޖާޖު ކުރައްވާފައި ވާއިރު މި އިހުތިޖާޖުގައި އެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް