
ރައީސް ޔާމީން އެފަދައިން ވިދާޅުވީ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި، މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވަ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމަކީ މި ސަރުކަރުން ވަރަށް މުހިންމު އިސްކަމެއްދެއްވާނެ ސިޔާސަތެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވި ނަމަވެސް މިއަދާ ހަމައަށްއައި އިރުވެސް އެކަން ކުރައްވާފައިނުވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެކަމުންވެސް އެނގެނީ މިއަދު ވަޒީރުގެ އިތުބާރު ރައްޔިތުންގެ ކުރިމަތިގައި ގެއްލިފައިވާކަން ކަމުގައެވެ.
އެކަމާ ގުޅިގެން ޔާމީން ވަނީ، 2024 އޮގަސްޓު 14 ގައި މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ވިފާގު އިބްރާހީމް އަދުނާންގެ މަރުގެ މައްސަލަ މިނިސްޓަރު އިހުސާނަށް ތަހުގީގު ކުރަން ކެރިވަޑައިގަތްތޯ ސުވާލު އުފައްދަވާފައެވެ. އަދި ވިފާގުގެ މަރުގައި ޝައްކު ކުރެވޭ އެތައް ކަމެއް ހުރިއިރު، ދެ އަހަރު ދުވަސް ފާއިތުވެގެން ދިޔައިރުވެސް ތަހުގީގެއް ހިންގާލަން ވަޒީރު އިހުސާނަށް ކެރިވަޑައިނުގެންނެވި ކަމަށާއި ބޮޑެތި ކަންކަމުގައި ފިޔަވަޅު އަޅަން ވަޒީރަށް ކެރިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޔާމީން ފާޑު ވިދާޅުވިއެވެ.
"ތަހުގީގަކާއި ހަމައަށް ނުގޮސް މަރުގެ ހުކުން ތަންފީޒުކުރާ ވާހަކަ ދެއްކީމަ ދެން ކާކުތޯ އެކަން ގަބޫލުކުރާނީ؟ ކޮންކަމެއްތޯ ކުރެވޭނީ؟ ތަހުގީގު އެބަކުރަންޖެހޭ. އެއީ ޖިނާއީ ތަހުގީގެއް. ޖިނާއީ ތަހުގީގެއް ކުރީމަ ދެއްތޯ އިނގޭނީ ވިފާގަށް މިވީ ކިހިނެއްކަން؟ ވިފާގުގެ މަރުގެ ހާދިސާއަށްވެސް ދެއަހަރުވެގެން ދިޔައިރު އެއްވެސް މީހެއް ނެތޭ ޕޮލިހަށް ހާޒިރުކޮށް ޖިނާއީ ތަހުގީގެއްކޮށް ސުވާލެއްވެސް އަހާލާފަ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ވެރިންގެ އިތުބާރާއި އަދި ހޯމް މިނިސްޓްރީގެ އަގުވެސް އެފަދަ ކަންކަމާ ހުރެ ރައްޔިތުން ކުރިމަތީ ގެއްލިފައިވާ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިހުތިރާމާއި އިތުބާރު ހޯދަންޖެހޭ މުއައްސަސާތަކެއްކަން ފާހަގަކުރައްވާ ޔާމީން ވަނީ ފުލުހުން ގާފިލުވެ ނިދާފައި ނުތިބެ ފުލުހުންގެ ޒިންމާ އަދާކުރުމަށް ގޮވާލައްވާފައެވެ.
މީހުންގެ މަރުގެ ވާހަކައަކީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކި އެފަދަ ކަންކަން ތަހުގީގު ކުރެވެންޖެހޭނެކަމަށް ޔާމީން ވިދާޅުވިއެވެ. މަރުގެ ކިތަންމެ މައްސަލައެއްގައި ތަހުގީގުތަކެއް ފެށިފައިވީނަމަވެސް އެކަން ބަލައި ނިންމަން މި ސަރުކާރުން ނޫޅެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދަން މަސައްކަތް ކުރަން ޖެހޭކަމަށާއި އެ އިތުބާރެއް ރައީސް ޑރ.މުއިއްޒުއަށް ނުހޯއްދެވޭނެކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒަކީ އެ އިތުބާރު ގެއްލުމުގައި މެދުވެރިވި އެންމެ ވަރުގަދަ ވަސީލަތް ކަމަށް ވިދާޅުވިއެވެ.
”މުޅި ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކެއްގެ އިތުބާރު ހޯދަން ހަމަ ވަރުގަދަ މަސައްކަތްތަކެއް ކުރަން މި ޖެހެނީ. އެ މަސައްކަތްތަކެއް މުއިއްޒަކަށް ނުކުރެވޭނެ. އެއީ މުއިއްޒަކީ ރައްޔިތުންގެ އިތުބާރު މުއައްސަސާތަކަށް ނަގާލުމުގައި މެދުވެރިވި އެންމެ ވަރުގަދަ ވަސީލަތް،“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިފަދަ ތުހުމަތެއް ރައީސް މުއިއްޒަށް ކުރެއްވިއިރު، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންގެ ވަރަށްބޮޑު ފާޑުކިޔުމެއް ދަނީ އަމާޒު ވަމުންނެވެ. ފުލުހުންގެ ބައެއް ތަހުގީގުތަކާ ގުޅުވައި އެކި ތުހުމަތުތައް ކުރެވޭއިރު، މިނިވަން މުއައްސަސާތަކަށްވެސް އަމިއްލަ ޕާޓީގެ އެކްޓިވިސްޓުން އައްޔަނުކުރަމުންދާކަން ފާހަގަކޮށް ރައީސް މުއިއްޒަށް އާންމުންގެ ފާޑުކިއުން ވަނީ ރައްދުވެފައެވެ.




